ދިރި އަކީ ވަރަށް ކާނާގެ ރަހަ މީރުކޮށްދޭން ހަވާދުގެ އެންމެ އަސާސީ އެއް ބާވަތަވެ. ކުޅިކާ ތަކެއްޗާއި ފޮނިކާތަކެތީގައި ވެސް ދިރި އަކީ އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. މީގެ ސިއްހީ ފައިދާތައް ނޭނގި ނަމަވެސް، އާންމުކޮށް ބޭނުން ކުރުމަކީ ވަރަށް ރަނގަޅު ފާލެކެވެ.

ދިރީގެ ފައިދާތަކަށް ބަލާ އިރު މިއީ ހަޖަމުކުރުމުގައި ދިމާވާ މައްސަލަތަކަށް ފަރުވާއެކެވެ. ދިރި އާންމުކޮށް ބޭނުންކުރާ ނަމަ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ބަނޑުގައި ގޭސް ހެދުން ފަދަ ކަންކަން ވެސް ހަމައަކަށް އަޅުވައިދޭނެ އެވެ. ހަމިއާ އެކު މިއި އިރިޓަބަލް ބޮވެލް ސިންޑްރޯމް ނުވަތަ ބޭރަށް ހިންގުމާއި ބަނޑު ހަރުވުން ފަދަ އުނދަގޫތަކަށް ވެސް ލުއިކަން ގެނެސްދޭނެ އެއްޗެކެވެ.

އެންޓިއޮކްސިޑަންޓްތަކުން މުއްސަނދި އަދި ފްލެވަނޮއިޑްސް ފަދަ މާއްދާތައް އެކުލެވޭ އެއްޗަކަށް ދިރިވާތީ މިއީ ކޮލެސްޓްރޯލް ލެވެލް ވެސް ދަށްކޮށްދޭނެ އެއްޗެކެވެ. އެއާއެކު ހިތުގެ މައްސަލަތަކުން ރައްކާތެރިވުމަށް މަގުފަހިވާނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހިކެން ނުވަތަ ބަރުދަން ލުއިކުރަން ވެސް ދިރި އަކީ އެހީއެކެވެ. އާންމުކޮށް ދިރި ބޭނުންކުރާ ނަމަ ހަށިގަނޑުގެ ފެޓް ނުވަތަ ސަރުބީ އަންދައިލަ ދޭނެ އެވެ. އޭގެ ނަތީޖާ އަކީ ބަރުދަން ލުއިވުމެވެ.

ދިރި.ހަކުރުގެ މައްސަލަ ހުންނަ މީހުންގެ އިންސިއުލިން ހަމައަކަށް އަޅުވަން ވެސް ދިރީގެ ބޭނުން ހިފިދާނެ އެވެ. ސަބަބަކީ ދިރި އަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު ކުޑަކޮށްދޭން އެހީވާ އެއްޗަކަށްވުމެވެ.

ހަށިގަނޑުގެ ލޭ ދައުރުވުމަށް ނާރުތައް ރަނގަޅަށް މަސައްކަތްކުރުން ވަރަށް މުހިއްމެވެ. އެގޮތުން ނާރުތަކަށް ދިމާވާ މައްސަލަތަކަ ވެސް ދިރި ބޭނުންކުރުމުން ލުއިކަން ލިބޭނެ އެވެ. އޭގެ ނަތީޖާ އަކީ ލޭ ހޮޅިތައް ސާފުވެ، ލޭ ދައުރުވަން ފަސޭހަކޮށްދީ، ހަށިގަނޑުގެ ހިނގުން ހަމައަކަށް އަޅުވައި ދިނުމެވެ. މީގެ ސަބަބުން ލިބޭނެ އެންމެ މުހިއްމު އެއް ފައިދާ އަކީ ހަނދާން ގަދަވުމެވެ.