ތެހްރާން (26 ނޮވެމްބަރު) - އެމެރިކާއާއި އީރާނާ ދެމެދު ވިއެނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ނިއުކްލިއާ މަޝްވަރާތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް އެމެރިކާއިން އީރާނަށް އަޅާފައިވާ އެންމެހާ ދަތި ކުރުމުގެ ފިޔަވަޅުތައް ނެގުމަށް އެ ގައުމުގެ ބޮޑު ވަޒީރު ހުސައިން އާމިރު އަބްދުﷲ ގޮވާލައިފި އެވެ.
ދުނިޔޭގެ އެހެން ބޮޑެތި ބާރުތަކުން ވެސް ބައިވެރިވާ ގޮތަށް ވިއެނާގައި ބާއްވާ މަޝްވަރާތަކަކީ 2015 ވަނަ އަހަރު ވެވުނު އީރާން ނިއުކްލިއާ އެއްބަސްވުން އަލުން އިޔާދަކޮށް އީރާނާއި އެމެރިކާއިން ވެސް އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ކުރެވޭ މަޝްވަރާ ތަކެކެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމުގެ ބަދަލުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މަޑުޖައްސާލަން ވެވުނު މި އެއްބަސްވުމާ ޚިލާފުވެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ވަނީ 2018 ވަނަ އަހަރު އަލުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. އެއާއެކު އީރާނުންވެސް ވަނީ އެގައުމުގެ ނިއުކްލިއާ ހަރަކާތްތައް އިތުރު ކޮށްފަ އެވެ.
"އެއްބަސްވުމުގެ އިދިކޮޅު ފަރާތުން ދަތިކުރުމުގެ ފިޔަވަޅުތައް ނަގައި އެއްބަސްވުމަށް އިހްތިރާމް ކުރަން ފަށައިފި ނަމަ އެދެވޭ އެއްބަސްވުމަކަށް އާދެވޭނެ" ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލްއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ހުސައިން ވިދާޅުވި އެވެ.
ތެހްރާންއަށް ކުރެއްވި ދަތުރުފުޅަކަށްފަހު އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގެ ޗީފް ރަފައެލް ގްރޮސީ ވިދާޅުވީ އީރާނާއެކު ކުރެވުނު މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.
ނަމަވެސް ހުސައިން ވަނީ މިމަހުގެ 29ވަނަ ދުވަހު ވިއެނާގައި އޮންނަ މަޝްވަރާތަކަށް އީރާނުން ކުރިމަތިލާނީ އެދެވޭ ނަތީޖާތަކެއް ނެރުމުގެ ފުރިހަމަ އުއްމީދުގައި ކަމަށެވެ. -- އަލް އަރަބިއްޔާ