ކަންފަތުގައި އުފެދޭ މަޑުތައް އަމިއްލަ އަށް ނަގައި ސާފުކުރަނީ ސާފުތާހިރުކަމުގެ ގޮތުންނެވެ. ކަންފަތުގައި މަޑު ހުރުމަކީ މީހާގެ ނުތާހިރު ކަމުގެ ނިޝާނެއްގެ ގޮތުގައި އޮންނަނީ ގަބޫލުކުރެވިފަ އެވެ. އެކަމަކު އަމިއްލައަށް ކަންފަތް ސާފުކުރަން އުޅުމަކީ ނުރައްކަލެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ޑޮކްޓަރުން އަބަދުވެސް އިންޒާރު ދެއްވަ އެވެ.
ކަންފަތުން މަޑުތައް އަމިއްލަ އަށް ނަގަން ނުޖެހެނީ އެއީ ކަންފަތުގެ ހިމާޔަތަށް ހަށިގަނޑުން އަމިއްލަ އަށް އުފައްދާ އެއްޗަކަށް ވާތީ އެވެ. ކަންފަތަށް ވަންނަ ކިލަ އާއި ހިރަފުހާއި ކުނޑިތައް ކަންފަތުގެ އެންމެ އެތެރެޔަށް ދިޔުމަށް މަޑުތައް ހުރަސް އަޅަ އެވެ. ކުނޑި ފަދަ ތަކެތި މަޑުގައި ތަތްވެ، އެތެރެޔަށް ދިޔަނުދީ ހިފަހައްޓާ ކަމަށް އެމެރިކަން އެކަޑަމީ އޮފް އޮޓޮލަރިންގޮލޮޖީ -- ހެޑް އެންޑް ނެކް ސާޖަރީ ފައުންޑޭޝަނުން އަޕްޑޭޓްކުރި ކްލިނިކަލް ޕްރެކްޓިސް ގައިޑްލައިންގައި ބުނެފައިވެ އެވެ.
"އަމިއްލަ އަށް ކަންފަތް ސާފުކުރަނީ މަޑު ހުރުމަކީ މީހާގެ ނުސާފުކަމާ ހުރެ ދިމާވާ ކަމެއްގެ ގޮތުގައި ގަބޫލުކުރެވިފައި އޮންނާތީ. ކަންފަތަށް އަމިއްލަ އަށް އެއްޗެހި ކޮއްޕައިގެން ސާފުކުރުމަށް މި ކުރާ ހުރިހާ ކަމަކަށް ވެސް ގުޅިފައި ވަނީ މި ވިސްނުން،" ޑައިޑްލައިން އަޕްޑޭޓްކުރި ޓީމުގެ ޗެއާމަން ޑރ. ސެތު ޝްވާޓްޒް ވިދާޅުވެފައިވެ އެވެ.
ކެއުމާއި ވާހަކަ ދެއްކުން ފަދަ ކަންކަމުން އަނގައިގެ ކަށިތަކާއި އެ ހިސާބަށް އަންނަ ހަރަކާތްތަކާ އެކު، ކަންފަތުގައި ހުންނަ ދުވަސްވީ މަޑުތައް ކަންފަތުން ބޭރަށް ނިކުމެ، އާ މަޑުތަކަށް ޖާގަ ހަދައިދެ އެވެ. ނަމަވެސް އަމިއްލަ އަށް ސާފުވުމުގެ މި މަރުހަލާ ބައެއް ހާލަތްތަކުގައި ރަނގަޅަށް މަސައްކަތް ނުކުރާ ގޮތް މެދުވެރިވެ އެވެ. މިހެން ވުމުން ކަންފަތުގެ އެތެރޭގައި މަޑުތައް ފުނިޖެހި ބެދޭނެ އެވެ.
"މީހުންނަށް ހީވެފައި އޮންނަނީ މަޑުގެ ސަބަބުން ކަންފަތް ބެދުމުން ކަފަބުރާއި ޕޭޕަ ކްލިޕާއި އިއަ ކޭންޑްލް ނުވަތަ ފާޑުފާޑުގެ އެއްޗެހި ބޭނުންކޮށްގެން ފަރުވާ ހޯދޭނެ ކަމަށް،" އެކަޑަމީގެ ނިއުސް ރިލީޒްގައި ޝްވާޓްޒްގައި ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ އަމިއްލަ އަށް ކަންފަތް ސާފުކުރުމުން ވަގުތުން ހައްލު ލިބޭ ކަމަށް އިހްސާސް ކުރެވުނަސް، ކަންފަތަށް އެއްޗެހި ކޮއްޕުމުން މަޑުތައް ކަންފަތުގެ އެންމެ އަޑިއަށް ގޮސް އަދި ކަންފަތަށް ކޮއްޕާ އެއްޗެހިން ކަންފަތުގެ އެތެރެ ހަލާކުވާ ކަމަށެވެ. މިހެން ހެދުމުން ކަންފަތަށް ދާއިމީ ގެއްލުމެއް ވެސް ވެދާނެ އެވެ.