ދެކުނު އެފްރިކާގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ އާވޭރިއަންޓް، "އޮމްކްރޯން" ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުން ދާތީ ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި މިއަދު ޓުވީޓެއްގައި ވިދާޅުވީ އާވޭރިއަންޓްގެ މައްސަލާގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މަޝްވަރާކޮށް އެކަމުގައި އަޅާނެ ފިޔަވަޅުތައް ނިންމަވާނެ ކަމަށެވެ.

ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ އާ ވޭރިއަންޓާ ގުޅިގެން ބައެއް ގައުމުތަކުން މިހާރު ވަނީ އެ ގައުމުން މީހުން އެތެރެވުން މަނާކޮށްފަ އެވެ. އެކަމަކު ރާއްޖެއިން މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅާފައެއް ނެތެވެ.

ރައީސްގެ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގައި 50 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ދެމުން އަންނަ ކަމަށެވެ. އަދި މި ހަފްތާ ތެރޭގައި ސިއްހީ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން އެއާޕޯޓްގެ ޕްރޮންޓްލައިން ސްޓާފުންނަށް ވެސް ބޫސްޓާ ޑޯޒް ދޭން ފެށޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީއަށް ބޫސްޓާ ޑޯޒް ދިނުމުގެ މަސައްކަތް ފެށޭނީ އަންނަ މަހުގެ މެދު ތެރޭގަ އެވެ.

އެހެންވެ، ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.

ރާއްޖޭގައި މިހާރު ވެސް އަންނަނީ ކޮވިޑްގެ ބޫސްޓާ ޑޯޒު ދެމުންނެވެ. އެގޮތުން މިހާތަނަށް 9،058 މީހަކަށް ބޫސްޓާ ޑޯޒް ވަނީ ޖަހައިފަ އެވެ.