ސިނގިރޭޓް ބުއިން ނުވަތަ ދުންފަތު އިސްތިއުމާލް ކުރުމަކީ ސިއްޙަތަށް ބޮޑެތި ގެއްލުން ލިބޭ ކަމެއްކަން އެންމެންނަށް ވެސް އެނގެ އެވެ. ދުންފަތުުގެ އިސްތިއުމާލު ކުރުން ހުއްޓާލަން މަސައްކަތްކުރާ ފަރާތްތަކުން ސިނގިރޭޓުގެ ށުބަދުލުގައި އީ- ސިނގިރޭޓް ބޭނުންކުރާ މިންވަރު ގިނަވަމުން ދާކަން މިހާރަކަށް އައިސް ފާހަގަ ކުރެވެ އެވެ.

އީ- ސިނގިރެޓް ނުވަތަ ވޭޕް ސިނގިރޭޓަކީ އެއިން އެއްވެސް ގެއްލުމެއް ނުލިބޭ އެއްޗެއްކަމަށް ގިނަ ޒުވާނުންނަށް ހީވެފައި އޮވެ އެވެ. އެހެންނަމަވެސް ހަޤީގަތަކީ އެއެއް ނޫނެވެ. އީ- ސިނގިރޭޓަކީވެސް ސިއްޙީ ގޮތުން ރަގަޅު އެއްޗަކަށް ނުވާއިރު އެއިން ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން އެއީ ހިތާއި ފުއްޕާމޭގެ ބަލިތަކަށް މަގުފަހި ކުރުވާ ސިކުނޑިއަށް ވެސް ގެއްލުން ދޭ އެއްޗެކެވެ.

ޙާއްސަކޮށް މާބަނޑު މީހުންނަށް މީގެން ކުރާ އަސަރު ބޮޑެވެ. މިފަދަ ސިނގިރޭޓްތަކަކީ އާދައިގެ ސިނގިރޭޓް އާއި ތަފާތުކޮށް ބެޓެރި ބޭނުންކުރެވޭ އެއްޗަކަށް ވީނަމަވެސް ކުރެވެނީ ހަމަ އެއް ބޭނުމެކެވެ. ދުންފަތް އެންދުމުގެ ބަދަލުގައި އީ-ސިނގިރޭޓްގައި ހުންނަނީ ނިކޮޓިން އާއި ތަފާތު ކެމިކަލްތައް އަޅާފައި ހުންނަ ކާރޓްރިޖެކެވެ. އެހެންކަމުން މިސިނގިރޭޓް ބޭނުންކުރުމުން އޭގައި ހުންނަ ތެތް ކެމިކަލްތައް ވޭޕް ނުވަތަ ސްޓީމް އަށް ބަދަލުކޮށްލަ އެވެ. އަދި އެތަކެތި ހަށިގަނޑުގެ ތެރެއަށް ދިޔުމަށްފަހު ދުމުގެ ގޮތުގައި ބޭރުކޮށްލައެވެ.

މި ސިނގިރޭޓްގައި ގިނަ އަދަދަކަށް ނިކޮޓިން އެކުލެވިފައި ހުރުމުގެ ސަބަބުން ދެވިހިފުމަށް މަގުފަހިވެ އެވެ. އަދި އީ-ސިނގިރޭޓްގައި ހުންނަ ނިކޮޓިންގެ ސަބަބުން މަސްތުވާތަކެއްޗަށާއި، ތަފާތު ރަލަށް ދެވި ހިފުމަށްވެސް މަގުފަހިވެ އެވެ. އީ-ސިނގިރޭޓަކީވެސް އޭގައި ތަފާތު އެކި ކަހަލަ ނުރައްކާތެރި މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެހެންނަމަވެސް އެކި ބްރޭންޑްގައި ހުންނަ ނިކޮޓިން އާއި ކެމިކަލްތައް ތަފާތުވެ އެވެ.

އެހެންކަމުން ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުންވާ މީހަކަށް އީ-ސިނގިރޭޓް އަކީ އެންމެ ރަނގަޅު އެއްޗެއް ނޫނެވެ. އާދައިގެ ސިނގިރޭޓް ބުއިމެކޭ އެއްގޮތަށް އީ-ސިނގިރޭޓް ބުއިމަކީ ވެސް ސިއްހަތަށް އެހާމެ ގެއްލުންހުރި ކަމެކެވެ.