ކޮލަމްބޯ (02 ޑިސެމްބަރު) - ސްރީލަންކާގެ އާއްމު ގޭބިސީތަކުގައި ބޭނުންކުރާ ކައްކާ ގޭސްފުޅިތައް ގޮވުމުގެ ހާދިސާތައް އިތުރުވުމުގެ ސަބަބުން އެކަމުގެ ފުރިހަމަ ތަހުގީގެއް ކުރަން ފަށައިފި އެވެ.

24 ގަޑިއިރު ތެރޭގައި 14 އަށްވުރެ ގިނަ ކައްކާ ގޭސްފުޅި ގޮވުމުގެ ހާދިސާތައް ރިޕޯޓު ކުރެވުމާއެކު އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ މިކަން ތަހުގީގު ކުރުމަށް 8 މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލައްވާފަ އެވެ.

ކޮންޒިއުމާ އެފެއާޒް މިނިސްޓަރު ލަސަންތަ އަލަގިޔަވަންނަ އެ ގައުމުގެ މަޖިލީހުގައި ވިދާޅުވި ގޮތުގައި ފާއިތުވެ ދެ ހަފްތާ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 10 ގޭސްފުޅި ގޮވުމުގެ ކޭސް ރެކޯޑު ކުރެވިފައިވެ އެވެ.

އާއްމު ގޭބިސީތަކުގެ އިތުރުން ވިޔަފާރިތަކަށް ވެސް މިކަމުގެ ސަބަބުން ބޮޑު އަސަރުތަކެއް ކޮށްފައިވާއިރު މިފަދަ ހާދިސާތަކުގައި ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެސް ލިބިފަ އެވެ.

ސްރީލަންކާ 80 ޕަސެންޓް ގޭބިސީތަކަށާއި ވިޔަފާރިތަކަށް ގޭސް ފޯރުކޮށްދޭ ސަރުކާރު ކުންފުނި ލިޓްރޯ ގޭސްއިން ވަނީ މިފަދަ ހާދިސާތައް ގިނަވެފައިވަނީ އެކުންފުނިން ގޭސް ފޯރުކޮށްދެމުންދާ ސިލިންޑަރުތަކަށް ގެނައި ބަދަލަކުން ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

އޭގެ ބަދަލުގައި އެކުންފުނިން ބުނީ ގޭސްފުޅި ގޮވުމުގެ ހާދިސާތައް އިތުރުވެފައިވަނީ ފެންވަރު ދަށް ރެގިއުލޭޓަރާއި އުނދުންތައް ބޭނުން ކުރުމުގެ ސަބަބުން ކަމަށެވެ.

ގޭސްފުޅި ގޮވުމުގެ ހާދިސާތައް އިތުރުވަމުން ދިއުމާއެކު ސްރީލަންކާގެ ގިނަ ރައްޔިތުންތަކެއް ވަނީ ގޭސްފުޅިތައް ގެއިން ނެރެ ބޭރުގައި ކައްކަން ފަށާފަ އެވެ. -- އަލް އަރަބިއްޔާ