ރަސްފަރީ ފަރަށް އެރި "އެމް.ވީ ނަވިއޯސް އަމަރިލިސް" ބޯޓުން ޖޫރިމަނާގެ ގޮތުގައި 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ) މިއަދު ދައްކައިފި އެވެ.
މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދުނު ފަހަރެވެ. އަދި ވަކިން ޚާއްސަކޮށް، ތިމާވެށްޓަށް ލިބުނު ގެއްލުމެއް ރަނގަޅުކުރުމުގެ މަސައްކަތަށް ޚަރަދުކުރުމަށް ޝަރުތުކޮށް މިފަދަ ފައިސާއެއް ދައުލަތަށް ހޯދުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.
އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، 19 ފިލިޕީންސް މީހުނާއެކު ދަތުރުކުރި ނަވިއޮސް އަމަރިލްސް، ބޯޓު އުރުނީ އިންޖީން ހުއްޓުމުގެ ސަބަބުންނެވެ. އެ ބޯޓަކީ ގްރީކް ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ.
ރަސްފަރި ފަރަށް އާގު ބޯޓު އުރުނީ 19 އޯގަސްޓްގަ އެވެ. އެ ބޯޓު ފުން ކުރީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ.
މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ އާގުބޯޓުގެ ވެރިފަރާތުން 893 މިލިއަން ރުފިޔާ ދައްކަން އީޕީއޭ އިން އެންގި އެވެ. އެގޮތުން ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިދިޔަ އޮކްޓޯބަރު މަހުގެ 25ގައި އަންގާފައިވެ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ރަސްފަރީ ފަރަށް އެރި ބޯޓުން އެ ފައިސާ ދެއްކީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮށްފައިވާ ޖޫރިމަނާ ދެއްކުމުގެ މައްސަލަ ބޯޓުގެ ވެރިފަރާތުން މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއަށް އިސްތިއުނާފު ކުރުމާ ގުޅިގެން، މިނިސްޓަރު އެ މައްސަލަ ބައްލަވައި އީޕީއޭގެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ ތަނެއް ނެތް ކަމަށް އެންގުމާ ގުޅިގެން ކަމަށެވެ.
"ބޯޓުގެ ވެރިފަރާތާއެކު މި މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ފިނޭންސް އަދި ޓްރާސްޕޯޓު އޮތޯރިޓީން ކުރި މަޝްވަރާތަކަށް ފަހު، ޖޫރިމަނާ ފައިސާއާއި ކ. ރަސްފަރީ ފަރަށް ގެއްލުން ލިބުނު ސަރަޙައްދު ކުރިން އޮތްގޮތަށް އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ހިމެނޭގޮތަށް ޖުމްލަ 10 މިލިއަން އެމެރިކާ ޑޮލަރު (154.2 މިލިއަން ރުފިޔާ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ބޯޓުގެ ވެރިފަރާތުން މިއަދު ވަނީ ޖަމާކޮށްދީފައެވެ." އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"އިސްވެދެންނެވުނު ފައިސާގެ އިތުރުން، ތިމާވެށްޓަށް ލިބޭ މިފަދަ ގެއްލުންތައް ދިރާސާކޮށް ބެލުމުގެ ގާބިލުކަން އީޕީއޭގައި އިތުރުކުރުމުގެ ގޮތުން މި ދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ބޯޓުގެ ވެރިފަރާތުން ވަނީ އެއްބަސްވެފަ އެވެ."
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ސަރުކާރާއި ބޯޓުގެ ވެރިފަރާތާއެކު އެއްބަސްވެވުނު ގޮތަށް ފައިސާ ދައްކާފައި ވާތީ އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
އެ ބޯޓު އެރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަޙައްދެވެ.
މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މި ސަރަޙައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ މާހުޅުނބު ލަނޑާއާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަޙައްދެކެވެ.
އީޕީއޭ އިން ބުނެފައިވަނީ ބޯޓު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އާއި އެމްއެންޑީއެފާއި ގުޅިގެން އެ ސަރަހައްދު ބަލައި ސާވޭކުރި ކަމަށާއި ބެލިބެލުމުން އެ ފަރުގެ 8867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރުމަށްފަހު ބޯޓު ޖޫރިމަނާ ކުރުމަށް ކަނޑައެޅީ 893.95 މިލިއަން ރުފިޔާ އިން ކަމަށެވެ. ނަމަވެސް، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށްވާތީ އެ އަދަދަށް ފައިސާ ދައްކާ ހަލާސްކުރުމަށް އެންގީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.