އަހަރެމެން ބޭނުންކުރާ ހުރިހާ އަންނައުނެއް ދާވެ މިލަވުމުން އެ ސާފުކޮށް އަލުން އެލެވޭ ވަރަށް ރީތިކޮށްދީ މީރުވަސް ދުއްވާދެނީ ދޮންނަ މެޝިނެވެ. ގޭގައި އުޅޭ ހުރިހާ އެންމެންގެ ހެދުންތައް އެއްވެސް ވަރުބަލިކަމެއް ނެތި ދޮވެ ސާފުކުރުމުގެ މަސައްކަތް މި މެޝިންތައް ކުރާއިރު އެ މެޝިން ދޮންނަނީ ކިތައް ފަހަރު ހެއްޔެވެ؟

ފަހަރެއްގައި ނިިކަން ގަވާއިދުން މިކަން ކުރާ ބަޔަކު ތިބެދާނެ އެވެ. އެހެން ނަމަވެސް މެޝިން ދޮވުމުގެ މުހިންމުކަން ގިނަ ބަޔަކަށް ނޭނގެ އެވެ.

އާދައިގެ ފެނުގައި މެޝިނުން އެއްޗެހި ދޮވުމަކީ ބެކްޓީރިއާ ފަދަ ތަކެތި އާލާވުމަށް އެންމެ އެކަށޭނަ އެއް މާހައުލެއް އުފައްދައިދޭ ކަމެކެވެ. އަދި މީގެ ސަބަބުން މެޝިނުގައި ނުބައި ވަސްދުވާ ދޮންނަ ހެދުންތަކުގައި ވެސް މިވަސް ހަރުލަ އެވެ.

އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި 40 ޑިގްރީ ސެލްސިއަސްގައި ދޮންނަ އަންނައުނުގެ ތެރެއިން ކޮންމެ ހަތަރު އެއްޗަކުން ބޮޑުކަމުދާ ތަކެއްޗާ ގުޅުން ހުރި ބެކްޓީރިއާއެއް ވަނީ ފެނިފަ އެވެ.

އަދި 60 ޑިގްރީ ސެލްސިއަސްގައި ދޮންނަ އެއްޗެހިން މި ބެކްޓީރިއާ ނުފެނުނު ނަމަވެސް، މި ހޫނުމިނުގައި އަންނައުނު ހަލާކުވުމާއި ހަރަދު ބޮޑުވުން ފަދަ މައްސަލަތައް ދިމާވެ އެވެ.

އެހެންކަމުން ޖަރާސީމުންނާއި އަދި އޭގެ ސަބަބުން ދުވާ ނުބައިވަހުން މެޝިނު ސަލާމަތްކުރުމަށްޓަކައި ގަވާއިދުން އަދި ފަރުވާތެރިކަމާއިއެކު މެޝިން ދޮވެ ސާފުކުރުން މުހިންމެވެ.

މެޝިން ދޮވެ ސާފުކުރުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން ގަވައިދުން، މެޝިން ދޮވުން ހިމެނެ އެވެ. މިފަދައިން ދޮންނައިރު މެޝިންގެ ޑިޓާޖެންޓް ނޫނީ ސައިބޯނި އަޅާ ބަޔާއި، ދޮރުފަތް ސާފުކުރަން ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ.

މީގެ އިތުރަށް، މަހަކު އެއްފަހަރު ނަމަވެސް ސާވިސް ވޮޝްއެއް، 60 ޑިގްރީސެލްސިއަސްގައި، އެއްވެސް އަންނައުނެއް ނުވަތަ ޑިޓާޖެންޓެއް ނުލައި މެޝިންގެ ތެރެ ދޮވެލުން މުހިންމެވެ. އޭރުން ޖަރާސީމު އުފެދުމުން ދުރުކޮށްދޭނެ އެވެ.

ކޮންމެ ތިންމަހާއި ހަމަހާއި ދެމެދު މެޝިން ސާފުކުރަން ބޭނުންކުރާ ހާއްސަ ކްލީނާއެއް ބޭނުންކޮށްގެން ދޮވެލުންވެސް އެދެވިގެންވެ އެވެ.

މީގެ އިތުރުން، އެއްޗެހި ދޮވެނިމުމުން މެޝިނުގެ ދޮރު ހުޅުވާފައި ބެހެއްޓުމަކީވެސް މެޝިނު ސާފުކޮށްދީ އަދި ނުބައި ވަސްދުވުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.