ދިރިއުޅުން ހުންނަ ގޮތުން އަހަރުމެންނަށް ކެއުމަށް ލިބެނީ މަދު ވަގުތުކޮޅެކެވެ. މި ލިބޭ މަދު ވަގުތު ކޮޅުގައި ކާއެއްޗެއް ކެއްކުމަށްވުރެ ގިނަ މީހުންނަށް ފަސޭހައީ ކުރިން ހުރި އެއްޗެއް ހޫނު ކޮށްގެން ނުވަތަ މައިކްރޮވޭވް ކޮށްގެން ކެއުމެވެ.
ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައ، މައިކްރޮވޭވް ކުރާ ކާނާގެ ސަބަބުން ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތި ވެދާނެ އެވެ.
ތަޖުރިބާކާރުންނާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައި ވަނީ މައިކްރޮވޭވް އަށް ލާ ޕްލާސްޓިކް ތަށި ފަދަ ތަކެތި ހޫނުވެ އެ ޕްލާސްޓިކްގައި ހުންނަ، ކެންސަރަށް މަގު ފަހިކުރުވާ ވިހަ މާއްދާތައް ކާނާގެ ތެރެއަށް ފޭދެ އެވެ. މީގެ އިތުރުން މައިކްރޮވޭވް އިން ބޭރުވާ ރޭޑިއޭޝަންގެ ސަބަބުން، ސަމާލުކަން ދިނުމުގެ ގާބިލްކަން ކުޑަވުމާއި ނިދަން އުނދަގޫވުން އަދި ހަށިގަނޑުގެ ހަކަތަ ދަށްވުން ފަދަ ކަންކަމާ ވެސް ކުރިމަތި ވެދާނެ ކަމަށް ބުނެފައިވެ އެވެ.
"އިތުރު ވިހަ މާއްދާތަކުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމާއި ދިފާއީ ނިޒާމަށް ބާރު ބޮޑުވޭ. ދަރިމައިވުމާއި ހޯމޯން އާއި ލޭގެ ޕްރެޝަރާއި ހިތުގެ ސިއްހަތަށް އަދި މީހާގެ މިޒާޖާއި ޖިންސީ ޝައުގުވެރިކަމަށް ވެސް މިކަމުން ނޭދެވޭ އަސަރުކުރުވާ،" ކާނާ އާއި ފިޓްނަސްގެ ތަޖުރިބާކާރެއް ކަމަށްވާ ރިކް ހޭ ޑެއިލީ މެއިލް އަށް ވިދާޅުވެފައިވެ އެވެ.
މައިކްރޮވޭވް ކޮށްލައިގެން ކެވޭ ގޮތަށް ހަދާފައި ހުންނަ ކާނާ އާއި މައިކްރޮވޭވް ކުރާ ކާނާގައި ނިއުޓްރިޝަން މަދެވެ. އަދި ހަކުރާއި ލޮނުގެ މިންވަރު މައްޗެވެ. މީގެ އިތުރުން ކާނާ ނުބައި ނުވެ ގިނަ ދުވަހު ހުންނާނެ ގޮތް ހެދުމަށް އަޅާ ކެމިކަލްތަކާއި ޕްރިޒަވޭޓިވްސް ވެސް ވަރަށް ގިނަ އެވެ.
ނިއުޓްރިޝަނިސްޓެއް ކަމަށްވާ ލިލީ ސައުޓާ ވިދާޅުވެފައި ވަނީ މައިކްރޮވޭވް ކޮށްލައިގެން ކެވޭ ގޮތަށް ހަދާފައި ހުންނަ ތައްޔާރީ ކާނާގައި ސިއްހަތަށް ފައިދާހުރި މާއްދާތައް މަދު ކަމަށާއި ރަހަ މީރުކުރުމާއި ގިނަ ދުވަހު ނުބައި ނުވެ ހުންނާނެ ގޮތް ހެދުމަށް އަޅާ އިތުރު މާއްދާތައް ވެސް ގިނަކަމުން ސިއްހަތަށް ރައްކާތެރި ނޫން ކަމަށެވެ.
ކާނާ މައިކްރޮވޭވް ކުރާއިރު ޕްލާސްޓިކް ފަދަ މާއްދާއަކުން ހަދާފައި ހުންނަ ތަށީގައި އަވަނަށް ލުމުގެ ބަދަލުގައި ބިއްލޫރި އެއްޗެއްގައި އަވަނަށް ލުމުން ކެމިކަލްގެ އަސަރު ކާނާ އަށް ކުރުން ކުޑަކުރެވޭނެ ކަމަށް ސައުޓާ ލަފާ ދެއްވާފައިވެ އެވެ.