ޓިއުނީޝިޔާއާއެކު ރާއްޖެއިން އެކި ދާއިރާތަކުން ދެ ގައުމު ދެމެދު ފަންނީ ތަޖުރިބާ ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ޓިއުނީޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަޔެތް ތަލްބީ ބިލެލް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންނާއި ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުންނާއި ތަރައްގީގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި ބައިނަލްވާމީ ގުޅުންތައް ބަދަހިކުރުންފަދަ މައުލޫއުތަކުގައި މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޓިއުނީޝިއާ އަކީ ވެސް ރާއްޖެ ފަދައިން އައްސޭރިފަށުގެ ގައުމެއްކަމާއި އިސްލާމީ ގުޅުންތަކުގެ މައްޗަށް ބިނާވެފައި އޮންނަ ގައުމެއްކަން ފާހަގަކުރައްވައި ދެ ގައުމުގެ ހުރި އެއްގޮތް ކަންތައްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ދެ ގައުމުން ވެސް އިންކަންދޭ ކަންކަމުގައި، ބޭނުންވާ އަމާޒަށް ވާސިލުވުމަށްޓަކައި ޓިއުނީޝިއާއާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.

މީގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި އަދި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަން ތަރައްގީކުރެއްވުމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު ފާޅުކުރެއްވި އެވެ.

ރައީސް ވަނީ އދ. އާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި، ނޮން- އެލައިންޑް މޫވްމަންޓް (ނާމް) ފަދަ ބައިނަލްއަގްވާމީ ފަރާތްތަކާއި ގުޅިގެން، އިންސާނީ ހައްގުތަކާއި، ކައުންޓަ ޓެރަރިޒަމާއި، ސުލްހައާއި، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތައް ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޓިއުނީޝިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަގުވާމީ މައިދާނުގައި ހާއްސަކޮށް އދ. ގައި ރާއްޖެއިން އަދާކުރަމުންދާ ދައުރަށް ތައުރީފުކުރެއްވި އެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ޓިއުނީޝިއާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުން ދެމުންގެންދާނެ ކަމުގައި ސަފީރު ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ޓިއުނީޝިއާގެ ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފަ އެވެ.

ރާއްޖެއާ ޓިއުނީޝިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1983 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުގަ އެވެ.