ސިއޯލް (08 ޑިސެމްބަރު) - ދެކުނު ކޮރެއާގެ ކޮވިޑް 19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ހޮސްޕިޓަލުތަކަށް ބާރުބޮޑުވުމާއެކު ބަލި މީހުންނަށް ގެއިން ފަރުވާ ދެވޭނެ ނިޒާމެއް ގާއިމުކުރަން ވިސްނާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މި ހަފްތާ ތެރޭގައި ދެކުނު ކޮރެއާގައި ދުވާލެއްގެ މައްޗަށް ކޮވިޑް 19 ޖެހޭ މީހުންގެ އަދަދާއި އެ ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން އަންގާރަ ދުވަހު 7،125 ކޮވިޑް ކޭސް އެ ގައުމުން ފެނިފައިވާއިރު 63 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ. އަދި 840 މީހަކު ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދެ އެވެ.

ދެކުނު ކޮރެއާގެ ހާލަތު މިހާ ގޯސްވެފައި މިވަނީ އެ ގައުމުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ މަހު ލުއިތަކެއް ދީފައި ވަނިކޮށެވެ.

"މިވަގުތު ރަނގަޅު ފިޔަވަޅުތަކެއް އަޅައި ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ކޭސްތައް ކޮންޓްރޯލް ކުރުން ވަރަށް މުހިއްމު،" ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

އެއާއެކު ކޭސްތަކުގެ އަދަދު 10،000 އަށްވުރެ މައްޗަށް އަރައިފި ނަމަ ސިއްހީ ދާއިރާއަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެ ކަމަށް ބުނަމުން އޭނާ ވިދާޅުވީ ކޮވިޑަށް ހާއްސަކޮށްގެން ސިއްހީ ދާއިރާއަށް އިންސާނީ ވަސީލަތްތައް އިތުރުކުރާނެ ކަމަށެވެ.

އެގޮތުން ސަރުކާރު ހޮސްޕިޓަލުތަކާއި އަމިއްލަ ގޭގޭގެ އިތުރުން ޕްރައިވެޓް ކްލިނިކްތަކުން ވެސް ކޮވިޑް 19އަށް ފަރުވާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލަށް ފެނިގެން އުޅޭ އޮމިކްރޯން ވޭރިއަންޓްގެ 38 ކޭސް މިހާތަނަށް އެ ގައުމުން ފެނިފައިވާއިރު ބަލީގެ ހާލަތު އެންމެ ގޯސްވެފައި ވަނީ ވެރިކަން ކުރާ ސިއޯލްގަ އެވެ.

ޕެންޑަމިކް ފެށުނީއްސުރެ މިހާތަނަށް ދެކުނު ކޮރެއާގައި 489،484 ކޮވިޑް ކޭސް ރެކޯޑް ކުރެވިފައިވާއިރު އެ ބަލީގައި ޖުމްލަ 4،020 މީހުން ވަނީ މަރުވެފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް