ހުޅުމާލޭގައި އެސްޓީއޯ އިން ހަދަން ފެށި 250 އެނދުގެ ޓޫރިސްޓް ހޮޓާ ހިންގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ސްރީ ލަންކާގެ ކުންފުންޏަކާ މަޝްވަރާކުރަން ފަށައިފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ހުޅުމާލޭގައި އެސްޓީއޯ އިން ހަދަން ފެށި ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނާ ގުޅިގެން ތިން ޕާޓީއަކުން ކުރިމަތިލި ކަމަށެވެ. އަދި އޭގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅި ސްރީ ލަންކާގެ ކުންފުންޏަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހޮޓާ ވިއްކާލަން އެޗްޑީސީން މަޝްވަރާކުރަމުން ގެންދަނީ ލަންކާގެ މަޝްހޫރު ވިޔަފާރި ކުންފުނި އަދި މާލޭގެ ނަސަންދުރަ ޕެލަސް ހޮޓަލުގެ އެއް ހިއްސާދާރު ބްރައުން ގްރޫޕްއާ އެވެ.

"އަޅުގަނޑުމެން އަދި ނުނިންމަން ކޮން އުސޫލަކުން ކަމެއް އެތަން ހަވާލުކުރާނީ. އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ބެހޭ ގޮތުން މިގެންދަނީ މަޝްވަރާކުރަމުން،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަޝްވަރާތައް ނިމި، އެއްބަސްވުމެއްގައި ސޮއިކުރެވޭނެ މުއްދަތެއް އަދި ނޭނގޭ ކަމަށެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ލަންކާގެ ކުންފުނިން ހުށަހަޅާފައި ވަނީ، ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ހޮޓާ ހިންގަން ޖޮއިންޓްވެންޗާ ކުންފުންޏެއް އުފެއްދުމަށްފަހު، 51 ޕަސެންޓް އެ ކުންފުންޏަށް ވިއްކާލާ ގޮތަށެވެ. އަދި އެ ތަން ހެދުމަށް ތައި އެގްޒިމް ބޭންކުން ނެގި ލޯނާ ވެސް އެޗްޑީސީން އޮތީ ހަވާލުވާ ގޮތަށެވެ. ތައި އެގްޒިމް އިން 30 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމި ނަމަވެސް އޭގެ ތެރެއިން ދޫކުރީ ނުވަ މިލިއަން ޑޮލަރު ކަމަށްވެ އެވެ.

އެޗްޑީސީގެ އެމްޑީ ވިދާޅުވީ ހޮޓާ ހިންގުމަށް ބަޔަކާ ހަވާލުކުރުމުގެ މަޝްވަރާތައް ކުރިޔަށް ގެންދަނީ ހަމައެކަނި އެ ކުންފުނިން ކަމަށެވެ.

ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ވަނުމަށް ނިންމައި، އެސްޓީއޯއިން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތްކުރަން ފެށި ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ވަނީ ހުއްޓިފަ އެވެ. އެ ހޮޓާ ހިންގަން އޭރު ހަމަޖެހިފައި އޮތީ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ "ރެޑިސަން ބްލޫ"ގެ ދަށުންނެވެ.

ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ހޮޓާ ތަރައްގީކޮށް ނިންމަން ކަނޑައެޅީ 2013 ވަނަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވެ 2016 ވަނަ އަހަރު ވަނީ ސިޓީ ހޮޓާ ވިއްކާލަން ނިންމައިފަ އެވެ. ނަމަވެސް އެކަމަށް ވެސް ތަރުހީބެއް ނުލިބުނެވެ.

އެ ސިޓީ ހޮޓަލުގައި ނުނިމި ހުރީ ހަމައެކަނި ފިނިޝިން މަސައްކަތެވެ. އެތަނުގެ ރާނާ ސިމެންތި ޖަހައި ސްޓްރަކްޗާގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ.

އެ ހޮޓަލުގައި އެކި ފަންތީގެ 250 ކޮޓަރީގެ އިތުރުން ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލް އަދި ޝޮޕިން ސަރަހައްދެއް ވެސް ހިމެނެ އެވެ.