ދ. ކަނޑިންމަ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.

އެ ސެންޓަރުން ބުނީ ކަނޑިންމަ ރިސޯޓުން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެރިސޯޓްގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގް އާއި އިތުރު ސާމްޕަލް ނެގުމުގައި ދ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެޗްއީއޯސީން ބުންޏެވެ.

އެ ސެންޓަރުން ބުނީ އިއްޔެ ހަވީރުން ފެށިގެން ރިސޯރޓަށް މީހުން އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

އެޗްއީއޯސީން ބުނީ އެ ރިސޯޓުގައި ތިބި ޓޫރިސްޓުންގެ ތެރެއިން ފުރަން ތިބި ޓޫރިސްޓުންނަށް ފުރައިގެންދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނެގެޓިވް ވުމުން ކަމަށެވެ.

މި ފިޔަވަޅު އެޅިއިރު ކޮވިޑަށް ޕޮޒިޓިވްވެގެން އެ ރަށުގައި މަސައްކަތްކުރާ ދ. އަތޮޅު މީހަކު ވަނީ އިއްޔެ ރޭ މަރުވެފަ އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ.ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކަނޑިންމަ ރިސޯޓުން ހާލުބޮޑުވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަހުން އިއްޔެ ރޭ މަރުވި އެ ރިސޯޓްގެ މުވައްޒަފު ކޯވިޑް-19އަށް ޕޮޒިޓިވްކަން އެނގުމާއެކު އެރަށުން އިތުރު ސާމްޕަލްތަކެއް ނަގައި މާލެ ގެނެސް އެ ސާމްޕަލްތައް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަދު ހެނދުނު ދ. އަތޮޅު ހޮސްޕިޓަލުގެ ޓީމް ކަނޑިންމަ ރިސޯޓަށް ގޮސް، އެ ރަށުގައި ތިބި ބަލީގެ އަލާމާތްތައް ހުރި މީހުން އެސެސް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮންޓްޓެކް ޓްރޭސް ކުރުމާއެކު އިތުރު މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް އެ ޓީމުން ކުރަމުން ގެންދާނެ ކަމަށެވެ.