ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީ ހޯގާޑްއާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދު އެވެ. އަދި އެމްޓީހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޕެއާ ވިންތަ ލާސަން އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ އިންވެސްޓް އިންޓަނޭޝަނަލް – ނެދަލެންޑްސްގެ ގްރާންޓް އެހީއާއި، ކުވައިތު ފަންޑް ފޮ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލޯނު އެހީ އަދި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ބަނދަރުގެ އުތުރުން ފެށިގެން، ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ގާއިމުކުރެވިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރަށް ގިރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ރަށުގެ މަސައްކަތް 606 ދުވަހު ތެރޭގައި ނިންމުމަށް ހަވާލުކުރީ 300 މިލިއަން ރުފިޔާއަށެވެ.

މިއީ މިހާތަނަށް ރާއްޖޭގެ ރަށެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއެކެވެ. އަދި މި މަޝްރޫއޫގައި އެރަށުގެ ބޮޑު ބައެއްގައި ހިލަ ޖަހައިގެން ތޮށި ލެވިގެންދާނެ އެވެ.