ދުބާއީ (20 ޑިސެމްބަރު) - ޔޫއޭއީގެ ހަފްތާ ބަންދު ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް ވާ ގޮތަށް ބަދަލު ކުރަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މިމަހުގެ ކުރީކޮޅު ސަރުކާރުން ކުރި އިއުލާނެއްގައި ވާ ގޮތުން އެގައުމުގެ ސަރުކާރު އިދާރާތަކާއި ސްކޫލުތައް ހިމެނޭހެން ހަފްތާ ބަންދު އަންނަ އަހަރުގެ ޖެނުއަރީ މަހު 1ން ފެށިގެން ބަދަލުވާނެ އެވެ.

މިއާއެކު ހަފްތާ ބަންދުގެ ގޮތުގައި އެގައުމުގެ ސަރުކާރު މުވައްޒަފުންނަށާއި ސްކޫލު ކުދިންނަށް ދެ ދުވަހާއި ބައިގެ ހަފްތާ ބަންދެއް ލިބިގެން ދާނެ އެވެ.

ސަރުކާރު އޮފީސްތަކުގެ މަސައްކަތް ކުރާ ދުވަސްތައް ބަދަލުވި ނަމަވެސް ޕްރައިވެޓް ސެކްޓާ އޮފީސްތަކާއި ވިޔަފާރިތަކުގެ މަސައްކަތް ކުރާ ދުވަސްތައް އެ އޮފީސްތަކަށް ނިންމުމުގެ އިހްތިޔާރު މި އިއުލާނުގައި ދީފައިވެ އެވެ.

މި ބަދަލާއެކު އެގައުމުގައި ހިންގާ ބައިނަލްއަގްވާމީ ބޭންކުތަކުން ވެސް ދަނީ މި ގޮތަށް ހަފްތާ ބަންދު ބަދަލު ކުރަމުންނެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އަމަލު ކުރަމުންދާ އުސޫލަށްވުމާއެކު މި ބަދަަލުގެ ސަބަބުން އެގައުމުގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް މާހިރުން ބުނެ އެވެ.

މީގެ ކުރިން ޔޫއޭއީ އަކީ ގިނަ މުސްލިމް ގައުމުތަކެކޭ އެއްގޮތަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ހަފްތާ ބަންދުގެ ގޮތުގައި އޮތް ގައުމެކެވެ. -- އަލް އަރަބިއްޔާ