ތެލް އަވީވް (23 ޑިސެމްބަރު) - އިޒްރޭލުން ބޭނުންނަމަ މާދަމާ ވެސް އީރާނަށް ހަމަލާއެއް ދިނުމުގެ ގާބިލުކަން އެ ގައުމަށް ލިބިފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އެ ގައުމުގެ އެއާ ފޯސް ޗީފްގެ މަގާމަށް އިސްވެ އޭޕްރީލް މަހު މަގާމާ ހަވާލުވާން ހަަމަޖެހިފައިވާ މޭޖާ ތޯމަރު ބާ މިހެން ވިދާޅުވެފައި ވަނީ ޖެރޫސަލަމް ޕޯސްޓަށް ދިން އިންޓަވިއުއެއްގަ އެވެ.

"އެއީ އަހަރެންގެ ދައުރުގައި ވާނެ ކަމެއް ކަމަށް ބެލެވޭ. އަދި އެކަމުގެ ޒިންމާ މިހާރު ވެސް ސިކުނޑިއަށް އިހްސާސް ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ތޯމަރު އިތުރަށް ވިދާޅުވީ މިހާރު ވެސް އީރާނުގެ ނިއުކްލިއާ ވަސީލަތްތައް ކާމިޔާބުކަމާއެކު އިޒްރޭލަށް ނައްތާލެވިދާނެ ކަމަށާއި އެއީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

އިޒްރޭލުން މިފަދަ ގޮތަކަށް ވާހަކަ ދައްކާފައި މިވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އިޔާދަ ކުރުމަށް ވިއެނާގައި ބޭއްވި މަޝްވަރާތަކުގެ ނަތީޖާއާމެދު ހިޔާލު ތަފާތުވުންތައް އުފެދިފައި ވަނިކޮށެވެ.

އެމެރިކާއިން ވަނީ އީރާނާއެކު ޑިޕްލޮމެޓިކް މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ "ޕްލޭން ބީ"އަކަށް ދާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެކަމުގެ އިތުރު ތަފްސީލެއް އެ ގައުމުން ދީފައެއް ނުވެ އެވެ.

އިޒްރޭލަކީ ޒަމާނުއްސުރެ އީރާނުގެ ނިއުކްލިއާ ހަރަކާތްތަކާ ދެކޮޅަށް އަޑުއުފުލާ އެކަން ހުއްޓުވަން ފިޔަވަޅު އެޅުމަށް އަބަދުވެސް އެންމެ ބޮޑަށް ބާރުއަޅާ އެއް ގައުމެވެ. -- އަލް އަރަބިއްޔާ