ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް) އަކީ އަންހެނުންނަށް ދިމާވާ މައްސަލަ އެކެވެ. މީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި މޫނުގައި ބިހިނެގުމާއި، ފަލަ ވުމާއި، ހަންގަނޑު ތެޔޮ ވުމާއި، ހަށިގަނޑުގައި އާދަޔާ ހިލާފަށް ގިނައިން އިސްތަށި ފެޅުމާއި، ބޮލުން އިސްތަށި ފޭބުމާއި މިނޫންވެސް ގިނަ މައްސަލަތައް ދިމާވެ އެވެ.

ޕީސީއޯއެސް ހުންނަނަމަ ދަރިމައިވުމަށް އުނދަގޫވުމާއި ޕީރިއަޑް މައްސަލަތައް ޖެހެއެވެ. އަދި ހޯމޯނަލް އެކިއެކި މައްސަލަތައްވެސް ކުރިމަތިވެ އެވެ.

އެތެރެހަށިން ދިމާވާ މައްސަލަތައް ފިޔަވައި މި ބަލީގައި މީހާގެ ރީތިކަމާއި އަންހެންވަންތަކަމަށް ވެސް އެކިއެކި އުނދަގޫތައް ކުރިމަތިވުމަކީ އެންމެ ބޮޑު ސަމާލުކަމެއް މިބައްޔަށް ދެވޭ އެއް ސަބަބެވެ.

ޕީސީއޯއެސް ހުންނަ ނަމަ ހަމުގެ މައްސަލަތައް އިތުރުވެ އެވެ. އެކަމަށް ހައްލެއް ބޭނުންނަމަ ބަދަލު ކުރަން ޖެހެނީ ދިރިއުޅުމުގެ ވައްޓަފާޅި އެވެ. ކާބޯހައިޑްރޭޓްސް އަދި ސްޕައިސަސް ހިމެނޭ ކާނާ ވީހާވެސް މަދުކޮށްލުމަށްފަހު ޕްރޮޓިންސް ހިމެނޭ ކާނާ ގިނައިން ކެއުމަށް އާދަކުރުން މުހިއްމެވެ. މިއީ އެތެރެހަށިން ހަމަށް ފަރުވާ ކުރެވޭނެ ގޮތެކެވެ. މީގެ އިތުރުން ކަސްރަތު ކުރުމުން ބިހި ނެގުމާއި މޫނު ތެޔޮވުމުން ރައްކާތެރިކޮށްދޭނެ އެވެ.

ހަމުގެ ޑޮކްޓަރުން ބުނާ ގޮތުގައި ޕީސީއޯއެސް ހުންނަ ނަމަ ހަމަށް ދޭން ޖެހޭ ފަރުވާ އިތުރުކުރަން ޖެހެ އެވެ. އެގޮތުން ގަވައިދުން މޫނު ދޮވެ ސާފުކޮށް މޮއިސްޗަރައިޒް ކުރަން ޖެހޭނެ އެވެ. ބްލޮޓިން ޝީޓްސް (މޫނު ތެޔޮވުމުން އެ ފުހުމަށް ބޭނުން ކުރާއެއްޗެއް) ބޭނުން ކުރުމާއި ސްޓްރެސް ފްރީކޮށް އުޅުމަށް މަސައްކަތް ކުރުމުންވެސް ބިއްސާއި އޮށާޅައިން ރައްކާތެރިވާނެ އެވެ.

ހޯމޯނަލް ބިހިން ރައްކާތެރިވުމަށް އެކި ކަހަލަ ކްރީމްތައް ލިބެން ހުންނަ އިރު، އެކްރީމްތައް ގަނެ ބޭނުން ކުރަން ފެށުމުގެ ކުރިން ހަމުގެ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.

ގައިގައި މާގިނައިން އިސްތަށިފަޅާނަމަ އެންމެ ރައްކާތެރިގޮތަކީ ލޭޒާ ހެއާ ރިމޫވަލްއެއް ހެދުމެވެ. ނަމަވެސް ރަނގަޅު އިތުބާރު ކުރެވޭ ތަނެއް އިހްތިޔާރު ކުރުން މުހިއްމެވެ.

ޕީސީއޯއެސް އެންމެ ގިނައިން ފެންނަނީ އުމުރުން 15 އަހަރުން ފެށިގެން 30 އަހަރުގެ އަންހެނުންގެ މެދުގަ އެވެ. އަދި 30ގެ ފަހުކޮޅު ނުވަތަ 40ގެ ކުރީކޮޅު މި ބަލި ހަށިގަނޑުން ނެތިދެ އެވެ.