ރިޔާދު (30 ޑިސެމްބަރު) - އީރާނުން ހަނގުރާމަވެރި ޖަމާއަތްތަކަށް ވާގިވެރިވުން ހުއްޓާލައި ނިއުކްލިއާ މަޝްވަރާތަކަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ސައޫދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.
ޝޫރާ ކައުންސިލްގެ އަހަރީ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ސަލްމާން ވިދާޅުވީ އީރާނުގެ މިހާރު ގޮތްތަކާއި އަމަލުތައް ދޫކޮށްލައި 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އިޔާދަކުރުމަށް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އީރާނުގެ ނިއުކްލިއާ ހަރަކާތްތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން ސަލްމާން އިތުރަށް ވިދާޅުވީ އީރާނުގެ އަމަލުތަކުގެ ސަބަބުން ސަރަަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ނުރައްކާ ވަމުން އަންނަ ކަމަށެވެ،
ހަމައެއާއެކު މެދުއިރުމަތީގެ ގައުމުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން މާލީ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމްގެ އަމަލުތަކަށް ވާގިވެރިވުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ސަލްމާން ވިދާޅުވެފައިވެ އެވެ.
ހަނގުރާމަވެރި ޖަމާއަތްތަކަށް ވާގިވެރިވުމާއި ޔޫރެނިއަމްގެ އުފެއްދުންތެރިކަން އިތުރު ކުރުމާއި ބެލިސްޓިކް މިސައިލްތައް ތަރައްގީކުރުމަކީ އީރާނުގެ "ނޭދެވޭ އަމަލުތަކެއްގެ" ގޮތުގައި ސަލްމާން ސިފަ ކުރެއްވި އެވެ.
ސަލްމާން ރަސްގެފާނުގެ މި ތަގުރީރު އައިސްފައި މިވަނީ ވިއެނާގައި ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުގެ 8 ވަނަ ބުރު ކާމިޔާބު ވެދާނެތޯ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
މީގެ އިތުރުން ޔަމަން، އިރާގް، ސީރިއާ އަދި ލުބްނާނުގައި ހަރަކާތްތެރިވާ ހިޒުބުﷲގެ ހަރަކާތްތައް އެގައުމުތަކުގައި އިތުރުވެފައިވާއިރު އެ ހަރަކާތްތަކަށް އީރާނުން ދަނީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެއްބާރުލުން ދެމުންނެވެ.
ވިއެނާގައި ކުރިއަށްދާ މަޝްވަރާތަކުގައި އީރާނާއި އެމެރިކާގެ ފުރިހަމަ ބައިވެރިވުން ބޭނުންވާ ކަމަށް ސައޫދީ އަރަބިއާގެ އިތުރުން އެހެން ގަލްފުގެ ގައުމުތަކުން ވެސް ވަނީ ބުނެފަ އެވެ. -- އަލް އަރަބިއްޔާ