ބެއިރޫތު (30 ޑިސެމްބަރު) - ޕްލާސްޓިކް އޮރެންޖްތަކެއްގައި ފޮރުވައިގެން ކުވައިތަށް އެތެރެ ކުރަން މަސައްކަތްކުރި މަސްތުވާތަކެތީގެ ބޮޑު ޝިޕްމަންޓެއް ލުބްނާނުން ހިފަހައްޓައިފި އެވެ.

ލުބްނާނުގެ އިންޓީރިއާ މިނިސްޓަރު ބައްސާމު މަވްލަވީ ބުދަ ދުވަހު ވިދާޅުވެފައިވަނީ ފޭކު އޮރެންޖުތަކެއްގައި ފޮރުވައިގެން ކުވެއިތަށް އެތެރެ ކުރަން މަސައްކަތް ކޮށްފައިވަނީ އެތައް މިލިއަން ޑޮލަރެއްގެ ކެޕްޓެގަން ގުޅަތަކެއް ކަމަށެވެ.

ކެޕްޓެގަންއަކީ ލުބްނާނާއި ސީރިއާގައި އުފައްދާ އާއްމުކޮށް ސައޫދީ އަރަބިއާއަށް ބޭރުކުރާ މަސްތުވާތަކެތީގެ ބާވަތެކެވެ.

ކަސްޓަމްސްގެ އޮފިސަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގުގައި ގާތްގަނޑަކަށް ނުވަ މިލިއަން ޑޮލަރު ހުންނާނެ އެވެ. އަދި އެ ޝިޕްމަންޓް ދަތުރު ކުރަމުން ދިޔައީ ކުވެއިތަށް ކަން ވެސް ކަސްޓަމްސްއިން ވަނީ ޔަގީން ކޮށްދީފަ އެވެ.

ސިޔާސީ އަދި އިގްތިސާދީ އަޑިގަނޑަކަށް ވެއްޓިފައިވާ ލުބްނާނުން ސަރަހައްދީ އެއްބާރުލުން ނުދޭ ކަމަށް ތުހުމަތު ކުރެވިފައިވާ މި ދަނޑިވަޅުގައި އެގައުމުން ވަނީ ޓްރެފިކް ކުރެވޭ މަސްތުވާތަކެތި އަތުލައިގަތުމަށް ހާއްސަ ޕްރޮގްރާމެއް ފަށާފަ އެވެ. އެގޮތުން މި މައްސަލައިގެ ވެސް ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ލުބްނާނުގެ އިދާރާތަކުން ބުނެ އެވެ.

މިއީ އެއް ހަފްތާ ތެރޭގައި މޭވާ ޝިޕްމަންޓެއްގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް މެދުއިރުމަތިން އަތުލައިގަނެވުނު ދެވަނަ ފަހަރެވެ. މި މަހުގެ 23 ވަނަ ދުވަހު ލުނބޯ ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ހަތަރު މީހަކު ދުބާއީގެ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

ކެޕްޓެގަންއަކީ މެދުއިރުމަތީގެ ސަރަހައްދުގައި އެންމެ ޑިމާންޑު ބޮޑު މަސްތުވާތަކެތީގެ ބާވަތެވެ. އދން ނެރުނު ރިޕޯޓެއްގައި ސީރިއާގައި ކެޕްޓެގަންގެ އުފެއްދުންތެރިކަން 3.46 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވަނީ ބުނެފަ އެވެ، -- އަލް އަރަބިއްޔާ