ޖިމަކަށް ނުގޮސް އަދި އަގުބޮޑު ކަސްރަތު ސާމާނެއް ނެތި، އަމިއްލަ ދެ ކޮޓަރީގެ ފްލެޓް ތެރޭގައި ކޮންމެ ދުވަހަކު 20,000 ފިޔަވަޅު ހިނގައިގެން ފިޓްނަސް އިންފްލުއެންސަރ އަމްބިކާ ސާގަރު 14 ކިލޯ ލުއިކޮށްފި އެވެ.

އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި އަމްބިކާ ބުނީ އޭނާގެ ބަރުދަން 90 ކިލޯއިން 76 ކިލޯއަށް ދަށް ވެފައިވާ ކަމަށެވެ.

ޓްރެޑްމިލްއެއް ނުވަތަ ހާއްސަ ކަސްރަތު ކްލާސްތަކެއްގެ ބަދަލުގައި، އަމްބިކާ ބޭނުންކުރީ އޭނާ ދިރިއުޅޭ 2BHK ފްލެޓްގެ ޖާގަ އެވެ. ކޮންމެ ދުވަހަކު 20,000 ފިޔަވަޅަށް ހިނގުމަކީ ބަރުދަން ލުއިކުރުމުގެ ދަތުރުގައި ލިބުނު އެންމެ ބޮޑު އެއް ބަދަލު ކަމަށް އޭނާ ބުންޏެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި އަމްބިކާ ބުނީ، 14 ކިލޯ ލުއިވުމަށް ވުރެ ވެސް ބޮޑު ބަދަލަކީ އަމިއްލަ ނަފްސަށް ލިބުނު އިތުބާރާއި ލޯބި ކަމަށެވެ. އަމިއްލަ ނަފްސަށްޓަކައި ވަގުތު ހޭދަކޮށް، ކެތްތެރިކަމާއެކު ދެމިހުރުމުން ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރެވިދާނެ ކަމަށް އޭނާ ފާހަގަކުރި އެވެ.

https://www.instagram.com/reel/DfkOC-YTXMs/?utm_source=ig_embed&utm_campaign=loading

އަމްބިކާ ބުނި ގޮތުގައި ބަރުދަން ލުއިކުރުމަކީ ބަނޑަށް ހައިހޫނުކަން ބެހެއްޓުން ނުވަތަ އަވަސް މަގުތައް ހޯދުމެއް ނޫނެވެ. ހިނގުމުގެ އިތުރުން، ކާ އެއްޗިއްސަށް ސަމާލުކަން ދީ، ކެލޮރީ ޑެފިސިޓް (ލިބޭ ކެލޮރީއަށް ވުރެ އަންދާ ކެލޮރީ ގިނަ ކުރުން) ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

އަމްބިކާގެ ތަޖުރިބާއިން ދައްކުވައިދޭ މުހިންމު އެއް ކަމަކީ، ހަމައެކަނި ވަކި ކަސްރަތަކުން އަވަސް ނަތީޖާއެއް ޔަގީން ނުވާނެ ކަމެވެ. އެންމެ މުހިންމީ ދުވަހުން ދުވަހަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ކުދިކުދި އަދި ދެމެހެއްޓެނިވި ބަދަލުތަކެވެ.

ފިޓްނަސްގެ ދަތުރު ފެށުމަށްޓަކައި އަގުބޮޑު އާލާތްތަކާއި ބުރަ ޕްރޮގްރާމްތައް ބޭނުން ނުވާކަން އަމްބިކާގެ މި ވާހަކައިން ހާމަވެ އެވެ. ބޫޓަށް އަރައި، އުޅޭ ކޮޓަރި ނުވަތަ ގޭތެރޭގައި ހިނގާލުން ފަދަ އާދައިގެ ކަމަކުން ވެސް ދުޅަހެޔޮ ދިރިއުޅުމަކަށް ފެށިދާނެ އެވެ.