މިދިޔަ ސެޕްޓެމްބަރު މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ އަންހެން ކުއްޖަކު ނިޔާވި ހާދިސާގައި ހިމެނޭ ކާރުގައި، ރޭ ދަންވަރުގެ ވަގުތެއްގައި އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި އެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:30 ހާއިރު އެވެ. އަލިފާން ރޯވި ވަގުތު މި ކާރު ޕާކުކޮށްފައި އޮތީ އެކްސިޑެންޓު ހިނގި ސަރަހައްދު ކަމަށްވާ، ވިނަރެސް ފްލެޓްތަކުގެ އިރުމަތީ ފަރާތުގައި އޮންނަ ގޯތިތައް ހިމެނޭ ހިސާބުގަ އެވެ.
ރޭ ހިނގި މި އަލިފާނުގެ ހާދިސާގައި އެ ކާރު އެއްކޮށް އަނދައި ހުލިވެފައިވާއިރު، އެ ކާރުގެ ކުރީގައްޔާއި ފަހަތުގައި ޕާކުކޮށްފައި އޮތް ދެ ކާރަކަށް ވެސް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވިނަރެސް 7 ވަނަ ޓަވަރު ކައިރީ ހިނގި އެކްސިޑެންޓަކީ މަގުމަތީ މަޑުކޮށްގެން އޮތް ކާރަކަށް އަރަން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ހިނގި ހާދިސާއެކެވެ. އެ ވަގުތު ސައިކަލު ވެއްޓި، އޭގެ ފަހަތުގައި އިން 9 އަހަރުގެ ކުއްޖާގެ ގައިމަތިން ފަހަތުން އައި ކާރު ގޮސް އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އެ ކުއްޖާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރޭ އަނދައި އަޅިއަށްވި ކާރުގެ ރަޖިސްޓްރީ ނަންބަރުން، މިއީ އެ ކުއްޖާގެ ގައިމަތިން ދިޔަ ކަމަށް ފުލުހުން ކުރިން ބުނެފައިވާ ކާރުކަން ވަނީ ކަށަވަރުވެފަ އެވެ. އެ ހާދިސާއާ ގުޅިގެން ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުން އޭރު އެ ކާރު ޓޯކުރި ނަމަވެސް، ވެރިފަރާތާ އެ ކާރު އަނބުރާ ހަވާލުކުރި ތާރީހެއް ސާފެއް ނުވެ އެވެ.
މި ކާރުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ވިލިމާލޭގެ ގެއެއްގައި އަންހެނަކު ވިހެއި މައްސަލައެއް ބަލަނީ
ޝައިތާނާއާއި ނަރަކައިގެ ދޮރު ފެނުނު ކަމަށް ޕޯޕްގެ ޑައިރީގައި
"މަރުވި ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާ ކަމަށް ބެލެވޭ"
ކުއްޖާ އަނިޔާވި އެކްސިޑެންޓް: ހެކި ހޯދަން ދެ ކާރު ޓޯކޮށްފި