ތެހްރާން (31 ޑިސެމްބަރު) - 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އިޔާދަކުރުމަށް ދުނިޔޭގެ ބާރުތަކާއި އީރާނާ ދެމެދު އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ މަޝްވަރާތަކުގައި ހިތްހަމަޖެހޭ ކުރިއެރުމެއް ލިބެމުންދާ ކަމަށް އީރާނުގެ ނިއުކްލިއާ ސަފީރު އަލީ ބަގޭރީ ކަނީ ވިދާޅުވެއްޖެ އެވެ.
"ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމަށް އެއްބަސްވުމަކަށް އާދެވި މިހާރު ވަނީ ލިޔެކިޔުންތައް ނިންމުމުގެ މަރުހަލާގައި،" ތަސްނީމް ނިއުސް އެޖެންސީން އާއްމުކުރި ވީޑިއޯއެއްގައި ކަނީ ވިދާޅުވި އެވެ.
ކަނީ މިހެން ވިދާޅުވެފައި މިވަނީ މީގެ މަޝްވަރާތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް އިނގިރޭސި ވިލާތާއި ޖަރުމަނު އަދި ފްރާންސްއިން މީގެ ދެ ދުވަސް ކުރިން ބުނެފައި ވަނިކޮށެވެ.
2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އިޔާދަ ކުރުމުގެ މަޝްވަރާތައް މި އަހަރު ކުރީކޮޅު ފެށުނު ނަމަވެސް އީރާނުގެ ސަރުކާރު ބަދަލުވުމާއެކު މަޝްވަރާތައް ޖޫން މަހު މެދުކެނޑުމަށްފަހު އަލުން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. މިއީ މި މަޝްވަރާތަކުގެ 8 ވަނަ ބުރެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރު އެގައުމުން އެއްބަސްވުމާ ޚިލާފުވެ ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. މަޝްވަރާތައް އަލުން ފެށުނު ނަމަވެސް އީރާނުން ވަނީ އޭޕްރީލް މަހު އެގައުމުގެ ޔޫރެނިއަމް އުފެއްދުންތެރިކަން އިތުރު ކުރިކަން އިއުލާން ކޮށްފަ އެވެ.
ބަގޭރީ އެހެން ވިދާޅުވުމުގެ ކުރިން އީރާނުން ވަނީ އާ ސްޕޭސް ލޯންޗެއް ޓެސްޓުކުރި ކަން އިއުލާން ކޮށްފަ އެވެ. މިކަމުގެ ސަބަބުން ހުޅަނގުގެ ބާރުތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. -- އަލް އަރަބިއްޔާ