މިސަރުކާރުގެ ހާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްދުދެއްވައިފި އެވެ.

ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދޭ ގައުމުތަކާއެކު ވަރަށް ވަރުގަދަ ގުޅުމެއް ބޭއްވި ކަމަށެވެ. އަދި އެކަހަލަ ވަރުގަދަ ގުޅުމެއް އެއްވެސް ސަރުކާރަކަށް ނުބޭއްވޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަކީ އަރަބި ލީގުގެ ގައުމަކަށް ހެދުމަށް ސައޫދީ އަރަބިއްޔާއިން ހުށަަހެޅި ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ޔޫރަޕް ގައުމުތަކާމެދު ގުޅުން ރަނގަޅު ނޫން ކަމަށާއި، އަދި އެމެރިކާއާއި މެދު ކަންބޮޑުވުންތައް ހުރި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެހެން ދިމާވީ ގިނަ ސަބަބުތައް ހުރެގެން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ދުނިޔޭގެ އެހެން ގައުމުތަކާއި އެކަހެރިވެ "ފަންފުޅަފި" ޖަހާފައިވާ ކަމަށް ސަރުކާރުގެ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ޔޫރަޕްގެ ގައުމުތަކަކީ ސީދާ ބޮޑެތި އެހީތައް ލިބޭ ގައުމުތަކެއް ނޫން ކަމަށެވެ.

"މިތަންތަނަކީ ޑިމޮކްރަސީގެ ނިޒާމް ފުރިހަމަކުރުމާއި އެތަންތަނުގައި ހުންނަ ލިބަރަލް ވެލިއުސް ދިވެހި ރާއްޖޭގައި ހުންނަންޖެހޭނެ ކަމަށް ވަކާލާތު ކުރުމާއި މިކަހަލަ ކަންތައްތައް ކުރާ ބައެއް މިއީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔޫރަޕުން ލިބޭނީ ތިމާވެށީގެ ޕްރޮޖެކްޓަކުން ލިބޭ އެއްޗެއް ކަމަށާއި، އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމަށް އެ ގައުމުތަކުގެ އެހީ ލިބޭ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އާންމު ހާލަތުގައި އދ. ގައުމުތަކާއި އޭރު ގުޅުން ރަނގަޅު ކަމަށެވެ. އަދި ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން ކޮންމެ ގައުމަކުން މަސައްކަތް ކުރާނީ އެގައުމަކަށް އެންމެ ފައިދާ ހުރިގޮތަކަށް ގުޅުން ކުރިއަށް ގެންދިޔުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެެ.

"އަޅުގަނޑު ބުނާނަން މިހާރު ރާއްޖޭގެ ހާރިޖީ ސިޔާސަތު އެހާ ކާމިޔާބު ކަމަށް ވަންޏާ އެމެރިކާއަށް ނޫނީ ޔޫރަޕަށް ވަޑައިގެން ބުރިޖެއް އަޅަން ފައިސާ ހިފައިގެން ވަޑައިގަންނަވާ. އެހާ ހިސާބުން އަޅުގަނޑު ގަބޫލުކުރާނަން އެއޮތީ ދުނިޔެއާއި ވަރަށް ބޮޑަށް ގުޅިފައިކަން. އެ ދައްކަނީ ރަނގަޅު ވާހަކައެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެންމެ ވަރުގަދަ ގުޅުމެއް ބޭއްވީ ޗައިނާއާއެކު ކަމަށާއި ރާއްޖޭގައި ފެށި ބޮޑެތި ހުރިހާ ޕްރޮޖެކްޓްތަކަށް ފައިސާ ހޯދީ ޗައިނާ ސަރުކާރުން ކަމަށެވެ. އަދި ރާއްޖެ ތަރައްގީ ކުރެވޭނީ ފައިސާ ހުރި ގައުމުތަކާއެކު ގުޅުން އުފައްދައިގެން ކަމަށް ރައީސް ޔާމިން ވިދާޅުވި އެެވެ.