އޮންލައިން ނޫސް "ވަގުތު" ނޫހުގެ ޗީފް އެޑިޓަރު މުޝައްރަފު ހަސަން އިންޑިއާގެ ނިއުދިއްލީ އެއާޕޯޓުން މިއަދު ހިފަހައްޓައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި މުޝައްރަފް ނިއުދިއްލީ އެއާޕޯޓުން ހިފަހައްޓާފައި ވަނީ އޭނާއަކީ އިންޑިޔާއަށް އެތެރެވުން މަނާ ލިސްޓުގައި ހިމެނޭ މީހެއް ކަމަށް ބުނެ އެވެ.

މުޝައްރަފާއެކު ދިޔަ ޓީމުގެ އެހެން މީހުންނަށް އިންޑިޔާއަށް އެތެރެވުމަށް ފުރުސަތު ދިން ނަމަވެސް މުޝައްރަފްއަށް އެ ފުރުސަތު ނުދީ ހިފަހައްޓާފައިވާ ކަމަށް އެ ޓީމުގައި ހުރި މީހަކު މައުލޫމާތު ދީފައިވެ އެވެ.

މިކަމާ ގުޅިގެން މުޝައްރަފްގެ ފަރާތުން އެކި ފަރާތްތަކަށް ގުޅައިގެން މިމައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އަދި ދިވެހި ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނެވި މިމައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު މަސައްކަތްކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ހާއްސަ ހުއްދައެއްގެ ދަށުން އޭނާ ދޫކޮށްލުމުން މީގެ އިރުކޮޅެއް ކުރިން ދިއްލީއަށް އެތެރެވެފައިވާ ކަމަށް ހަބަރު ލިބިފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.