މާ ގިނަ ވަގުތު އޮފީހުގަ އާއި އެހެނިހެން މަސައްކަތްތަކުގައި އުޅޭ ފިރިހެނުންނަށް ދަރިން ލިބުމުގެ ފުރުސަތު ކުޑަވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ. ދަރިން ހޯދަން ބޭނުންވާ މީހުން ޚާއްސަކޮށް މާ ގިނަގިނައިން ރޭގަނޑު ޑިއުޓީ ނެގުން އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ.

ނިދި މަދުވުމާއި އިންސާނާ އަށް ޖެހޭ ތަފާތު އެކި ބަލިތަކާ ގުޅުންތަކެއް ވެއެވެ. ނިދި މަދުވުމުން ޖެހޭ ބަލިތަކުގެ ތެރޭގައި ފަލަ ބައްޔާއި ހިތުގެ ބަލިތައް ހިމެނެ އެވެ.

އެވްރެޖްކޮށް ފިރިހެނަަކަށް ރޭގަނޑު ހަތް ގަޑިއިރާއި އަށް ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދި ބޭނުންވާނެ އެވެ. މިޒަމާނުގައި މަސައްކަތްތައް ހުންނަ ގޮތުން ގިނަ މީހުންނަށް އާއްމުކޮށް އަރާމުކޮށްލަން ލިބެނީ ރޭގަނޑުގެ ވަރަށް މަދު ވަގުތުކޮޅެކެވެ.

މިކަމާ ގުޅޭގޮތުން ހެދި ދިރާސާއެއްގައި ބުނެފައިވަނީ މިފަދަ މައްސަލަތައް އެންމެ ބޮޑަށް ދިމާވީ ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރާ ފިރިހެނުންނަށް ކަމަށެވެ.

މަސައްކަތްކުރަން ޖެހޭ ގަޑިތަކުގެ ސަބަބުން ވަޒީފާ އަދާކުރާ މީހުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރެ އެވެ. ސަބަބަކީ އެކަމުގެ ސަބަބުން ނިދާ ގަޑިތަކަށް ބަދަލު އައިސް ކާ ގަޑިތަކާއި ކަސްރަތު ކުރާ ގަޑިތަކަށް ވެސް ބަދަލު އަންނާތީ އެވެ. އަދި ނިދި މަދުވުމުގެ ސަބަބުން ކުޑަކަމުދިއުމަށް މައްސަލަތައް ދިމާވި އިރެކްޓައިލް ޑިސްފަންކްޝަން މައްސަލަތައް ކުރިމަތިވެ އެވެ.

މިއީ ފިރިހެނުންނަށް ދަރިން ނުލިބުމަށް ދިމާވާ މައިގަނޑު ސަބަބެކެވެ. މިހެން ދިމާވާ މައިގަނޑު ސަބަަބަކީ ރޭގަނޑު ވަކި ވަގުތެއްގައި ނިދަން އާދަވެފައި ނެތުމާއި އެކި ގަޑިގަޑީގައި ނިދާ ހަދާތީ ފިރިހެނުންގެ ޓެސްޓޮސްޓެރޯން ލެވެލް ދަށްވުމެވެ. ޓެސްޓޮސްޓެރޯން އަކީ ފިރިހެނުންގެ ގައިގައި ހުންނަ ޖިންސީ ހޯމޯނެކެވެ. މި ހޯމޯން ދަށްވެއްޖެ ނަމަ ދިމާވާ މައްސަލަތަކުގެ ސަބަބުން ދަރިން ހޯދުމަށް ދަތިތައް ކުރިމަތިވެ އެވެ.

ފާއިތުވީ އަހަރުތަކުގެ ތެރޭގައި ވެސް ފިރިހެނުންގެ ފާޓިލިޓީ ރޭޓް ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. ސަބަބަކީ ދިރިއުޅުމުގެ ވައްޓަފާޅި އަށް އައިސްފައިވާ ބަދަލާއި ވަށައިގެންވާ މާހައުލުގައި ހުންނަ ތަފާތު ކެމިކަލްތަކުގެ އަސަރު ކުރުމުގެ ސަބަބުންނެވެ. މާގިނައިން އަދި މާ މަދުން ނިދުމަކީ ވެސް ގެއްލުން ހުރި ކަމެކެވެ.