ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ސިފަކޮށް ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރާފާނެކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓުކުރާކަމަށް ދޮގު ހަބަރު ފެތުރުމުގެ ވާސިތާއިން، އެ މަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ވާގިވެރިވަމުންދާ “ރައްޔިތުންގެ އިއްތިހާދު”ގެ ނަމުގައި ހިންގާ ހަރަކާތާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށްގެން އެ މަނިކުފާނުގެ އިސްތަށިފުޅުގައި ލާދީނީ ލޭބަލް އެޅުވުމަށް މިހަރަކާތުން މަސައްކަތްކުރަމުން ދާކަމީ ހާއްސަ ކަންބޮޑުވުމެއް ކަމުގައި ފާހަގަކުރާކަމަށް އެޕާޓީން ބުނެ އެވެ.

އެމްޑީޕީން ބުނީ މެއި 6 ގައި ރައީސް ނަޝީދަށް ދީފައިވާ ޙަމަލާ އާއި ގުޅުންހުރި ފަރާތްތަށް އަދިވެސް ހޯދިފައިނުވާއިރު، ޓެރަރިސްޓް ޙަމަލާތަކަށް ދިވެހި މުޖުތަމަޢު ހުށަހެޅުމަށް ތައްޔާރަށް ތިބި ހައްދުފަހަނައެޅި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ތިބިކަން ސަލާމަތީ ހިދުމަތްތަކުން ހާމަކުރަމުންދާ ކަމަށެވެ. ރައީސް ނަޝީދަކީ ކާފަރެއްކަމުގައި ސިފަކުރުމުގެ ފިތުނަވެރި ހަރަކާތެއް އަނެއްކާ އުފައްދާ، އިންތިޒާމުވެ، ހިންގާން ދޫކުރުމަކީ އެ މަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން، ދިވެހި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރުވާފަދަ ނުރައްކާތެރި ކަމެއްކަމުގައި މެނުވީ އެ ޕާޓީއިން ނުދެކޭކަމުގައިވެސް ބަޔާނުގައިވެ އެވެ.