މާލެ ސަރަހައްދުން މިއަދު ކޮވިޑަށް ޕޮޒިޓިވްވި ރޭޓް 11 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓެސްޓްކުރި 3،731 ސާމްޕަލްގެ ތެރެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 384 މީހުންނެވެ. އެއީ މާލެ ސަރައްހަދުން 153 މީހުންނާއި އަތޮޅުތަކުން 102 މީހުންނާއި ރިސޯޓުތަކުން 117 މީހުންނެވެ.

މާލެ ސަރައްދުގެ ޕޮޒިޓިވް ރޭޓް 11 ޕަސެންޓަށް މަތިވެފައިވާއިރު މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން މަދުކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް މިއަދުން ފެށިގެން އެޅުމަށް ވަނީ ނިންމާފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 98،052 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،511 މީހުންނެވެ. މިހާތަނަށް 94،264 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 15 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 264 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރު ވެގެން ގޮސްފައިވާއިރު މާލެ ސަރަހައްދުން ދަތުރު ކުރާއިރު މިއަދުން ފެށިގެން ޕީސީއާރު ނެގެޓިވް ނަތީޖާއެއް ބޭނުންވާ ގޮތަށް އުސޫލެއް ވަނީ އެކުލަވާލާފަ އެވެ.

މިއާއެކު މާލޭގައި ޕީސީއާރު ޓެސްޓް ހަދަން ދިގު ކިޔުއެއް ހަދާފައިވާއިރު ގިނަ ބަޔަކު އެޗްޕީއޭއިން ކުއްލިއަކަށް ގެނެސްފައިވާ ބަދަލަށް އަންނަނީ ފާޑުކިޔަމުންނެވެ.

ފާޑުކިޔުން އިތުރުވުމާއި ގުޅިގެން އެޗުޕީއޭއިން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ދެ ދުވަހު މާލެ އިން ފުރާ މީހުންނަށް މާލޭގައި ސާމްޕަލް ދީފައި، ފުރޭނެ ކަމަށެވެ. އެކަމަކު ނަތީޖާ ލިބެންދެން ރަށުގައި ކަރަންޓީންވާން ޖެހޭނެ އެވެ.

ދެ ވަނަ ގޮތަކީ ކުރިއަށް އޮތް ދެ ދުވަހު ފުރާ މީހުން ރަށަށް ގޮސް ޕީސީއާރު ޓެސްޓް ހެދުމެވެ. އެކަމަކު އޭރުން ވެސް ނަތީޖާ ލިބެންދެން ރަށުގައި ކަރަންޓީންވާނެ ޖެހޭނެ ކަމަށް، އެޗުޕީއޭއިން ބުންޏެވެ.