ކޮވިޑް-19ގެ ބަލިމަޑުކަން އަހަރުމެންގެ މުޖުތަމައުގައި އަނެއްކާވެސް އިތުރު ވަމުން އަންނަ މިދަނޑިވަޅުގައި އެ ބަލިމަޑުކަމާ ބެހޭ ހޭލުންތެރިކަން އިތުރު ކުރުމަކީ އަހަރުމެން އެންމެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ބަލިން ސަލާމަތްވާން ކުރެވިދާނެ ކަންތައްތަކާއި ބަލި ޖެހިއްޖެ ނަމަ ދެން އަމަލުތައް ބަހައްޓަންވީ ގޮތް އެނގިފައި އޮތުމަކީ މި ވަގުތު ވަރަށް މުހިއްމު ކަމެކެވެ.
އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ކޮވިޑް ޖެހި ބަލިން ފަސޭހަވުމަށް މަސައްކަތްކުރާ މީހެއްގެ ކެއުން ބައްޓަން ކުރަންވީ ގޮތުގެ މައްޗަށެވެ. އެ ބަލިން އަވަހަށް ރަނގަޅުވާން ކެއުން ގެންގުޅެންވީ ގޮތަށެވެ.
ކެލޮރީ އިންޓޭކް އިތުރު ކުރުން
ކޮވިޑް-19 ވައިރަހާއި ހަށިގަނޑުގައި ވާނަމަ އެ ވައިރަހުން ސަލާމަތްވާން ހަށިގަނޑުގައި ވަރު ހުރުން މުހިއްމުވާނެ އެވެ. އެހެންކަމުން ކޮވިޑުން ފަސޭހަވާން މަސައްކަތް ކުރާނަމަ ކެލޮރީ ގިނަ ކެއުންތައް ޑައިޓުގައި ހިމަނަންވާނެ އެވެ. މީގެ ތެރޭގައި ގޮވާމާއި ފަލަމަޑީގެ ބާވަތްތައް ހިމެނެ އެވެ.
ގިނައިން ދިޔާތަކެތި ބުއިން
ފެނަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް މުހިއްމު އެއްޗެކެވެ. އެގޮތުން ލޭގައި ހުންނަ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކުރުމާއި ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ބެހެއްޓުމަށް ފެން އެހީވެ އެވެ. ދުވާލަކު ތިން ލީޓަރުގެ ދިޔާތަކެތި ބުއިމަކީ ކޮވިޑުން އަވަހަށް ފަސޭހަވާން މަގުފަހިވާނެ ކަމެކެވެ.
ތަރުކާރީއާއި މޭވާ އިތުރުކުރުން
ކޮވިޑްގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކުން އަރައިގަންނަން ތަރުކާރީއާއި މޭވާއަކީ މުހިއްމު ބާވަތްތަކެވެ. ވަރު ދެރަވާ ނަމަ ސްޕިނަޗް އަދި ބްރޮކޮލީ ފަދަ ތަކެތިން ހަށިގަނޑުގައި ވަރު ޖައްސައިދެ އެވެ. ވަހުގެ ހިއްސަށް ބަދަލު އަންނަ ނަމަ ފޭރާއި އަތަ ފަދަ މޭވާތަކުން ވަހުގެ ހިއްސު ރަނގަޅު ކޮށްދެ އެވެ.
މަތީގައި ދެންނެވުނު ބާވަތްތަކަކީ ކޮވިޑް ޖެހި އެ ބަލިން ސަލާމަތްވާން މަސައްކަތް ކުރާ ކޮންމެ މީހަކު ވެސް އަހައްމިއްޔަތުކަން ދޭންވީ ކަންކަމެވެ.
އެކުވެރިއަކަށް ނުވަތަ ގާތްތިމާގެ މީހަކަށް ކޮވިޑް ޖެހިފައިވާ ނަމަ މި ލިޔުން އެ ފަރާތްތަކާ ހިއްސާ ކޮށްލައްވާށެވެ. އަދި ތިބާ ވެސް މިކަމަށް އަހުލުވެރިވާށެވެ.