ރާއްޖެއިން މިއަދު ކޮވިޑަށް 593 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަދު ޓެސްޓްކުރި 5،818 ސާމްޕަލްގެ ތެރެއިން 593 މީހުން ޕޮޒިޓިވް ވެފައިވެ އެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 199 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއީ މި ފަހުން މާލެ ސަރަހައްދުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ.

މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 197 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 4،320 މީހުންނެވެ. މިހާތަނަށް 94،502 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 20 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 264 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރު ވެގެން ގޮސްފައިވާއިރު މާލެ ސަރަހައްދުން ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން 50 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ. އަދި ކުޅިވަރު ހަރަކާތްތަކާއި ނައިޓް މާކެޓް ނުބޭއްވުމަށް ވަނީ އަންގާފަ އެވެ.