"އިންޑިޔާ އައުޓް" މިއީ ރާއްޖޭގައި އިންޑިޔާ ސިފައިން އެކި ނަން ނަމުގައި ގަދަކަމުން ކަހަލަ ގޮތަކަށް ފައި ހިއްޕައިގެން ތިބޭ ތިބުމާ ދެކޮޅަށް ފާޅު ކުރެވޭ ޝުއޫރު ތަކަކަށް ނުވަތަ ހިންގޭ ހަރަކާތަކަށް ކިޔަމުން އަންނަ ނަމެކެވެ.

މި ހަރަކާތުގައި އިސްކޮށް އުޅޭކަމަށް ވަނީ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ކަމަށް ވިޔަސް ސިޔާސީ ގޮތުން ވަކި ކޮޅަކަށް ބުރަ ނުވާ މީހުން ވެސް އަދި ސަރުކާރަށް ތާއީދުކުރާ ބައެއް މީހުން ވެސް އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ ދެކޮޅެވެ.

އިންޑިޔާ ސިފައިން ރާއްޖޭގައި ފައި ހަރުކޮށްލުމަށް ފުރުސަތު ހުޅުވައިދެއްވި ފަރާތް ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދު ވެސް އިންޑިޔާ އައުޓު ހަރަކާތާ ދެކޮޅު ބޭފުޅެކެވެ.

އެމަނިކުފާނު ގެންދަވަނީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނެ ކަމުގައި އެކި ގޮތްގޮތުން ވަކާލާތު ކުރައްވަމުންނެވެ.

މިގޮތުން އޮންލައިން ނޫހަކަށް "ރާއްޖޭގައި އިންޑިޔާގެ ދައުރު، އިންޑިޔާ ކަނޑުގައި ރާއްޖޭގެ ދައުރު" މި ސުރުޚީ އަށް ލިއުއްވި ލިއުއްވުމެއްގައި އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމަށް ތާއީދު ކުރައްވައި ވަރަށް ތަފުސީލު ކޮށް ޚިޔާލު ފާޅު ކުރައްވާފަ އެވެ.

"ދިވެހި ސަރުކާރާއި އަދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވާދަވެރިން އެ ބުނަނީ 'އިންޑިއާ އައުޓް' ކަމަށެވެ،" ލިޔުން ފައްޓަވަމުން ރައީސް ނަޝީދު ލިޔުއްވި އެވެ.

މިތަނުގައި އެމަނިކުފާނު ފާހަގަ ކުރައްވަނީ އިންޑިޔާ އައުޓު ގޮވާ ފަރާތްތަކަކީ ސަރުކާރާ އިދިކޮޅު ފަރާތްތަށް ކަމަށެވެ. އެއީ ފަހަރެއްގައި ވެސް އިންޑިޔާ ސިފައިން ރާއްޖެ ތިބެގެން ކަންބޮޑުވާ ބައެއް ވެސް ނޫންކަމުގައި އެމަނިކުފާނުގެ މި ޖުމްލައިން ދޭހަކޮށް ދެއްވަން މަސައްކަތް ކުރައްވައިފައިވެ އެވެ. މިއީ އިންޑިޔާގެ މީޑިޔާގެ ވާހަކަ ވެސް ހުންނަ ގޮތެވެ. އިންޑިޔާގެ ގިނަ ނޫސްތަކުގައި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެން ދިވެހި އެދޭ ކަމަށާއި އެކަމާ ދެކޮޅަށް އަޑު އުފުލަނީ ސަރުކާރާ ދެކޮޅު މަދު ބައެއް ކަމުގައި ލިޔެފައި ހުރެ އެވެ.

ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުންނަށް މައްސަލައެއް ނޫންކަމުގައި ސިފަ ކޮށްދެއްވަމުން އެކަން އެހެން ވާން ޖެހޭ ސަބަބު ވެސް އެމަނިކުފާނު ވަނީ ވަރަށް ސަރީހަ ކޮށް ވިދާޅުވެ ދެއްވާފަ އެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅު ވަނީ ރާއްޖެ އިންޑިޔާ ކަނޑުގައި އޮތުމެވެ.

އެކަމަށް ބާރު ދެއްވަމުން އެމަނިކުފާނު ލިޔުއްވި އެވެ. "މި ދިވެހި ޖަޒީރާ ހަޟާރަތުގައި އިންޑިއާގެ ދައުރެއް ނެތް ކަމަށް ދިވެހިން ނުދެކި މިތިބީ މި އިންޑިއާ ކަނޑުގައި ދިވެހިންގެ ދައުރު ބޮޑު ކަމަށް ދިވެހިންނަށް ނުހަނު ގަބޫލް ކުރެވޭކަމުންނެވެ."

އިންޑިއާ ކަނޑަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއް ހިއްސާ ކުރާ ކަނޑެކެވެ. އެ ކަނޑަށް އިންޑިޔާ ކަނޑޭ ކިޔަން ފެށިއިރު އިންޑިޔާ ކިޔާ ވަކި ގައުމެއް ނުވެސް ނެތެވެ. އިނގިރޭސިން، މޯގަލުން ބަލި ކުރުމަށްފަހު އިންޑިއަން ސަބް ކޮންޓިނެންޓުގައި ކުރި ވެރިކަން ނިމުމާއެކު އުފެދުނު ދެ ގައުމުން އެއްގައުމަކީ އިންޑިޔާ އެވެ.

އެ ގައުމު ގައުމެއްގެ ގޮތުގައި ވުޖޫދު ވިތާ އަދި 80 އަހަރު ވެސް ނުވެ އެވެ. އެހެންކަމުން އިންޑިޔާ ކަނޑުގެ މިލްކުވެރިކަން އިންޑިޔާއަށް އޮންނަން ޖެހޭ އެއްވެސް އުޒުރެއް ނެތެވެ. އަދި އެއީ ދުނިޔޭގެ ހަމަ ޖެހޭ އެއްވެސް ބަޔަކު ގަބޫލުކުރާ ވެސް ވާހަކައެއް ނޫނެވެ.

ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ޖެހޭނެކަމުގެ ހުއްޖަތު ދައްކަވަމުން ރައީސް ނަޝީދު ލިއުއްވި ލިއުއްވުމުގައި އޮތް އަނެއް މުހިންމު ވާހަކަޔަކީ ދުނިޔޭގެ އެއްވެސް ގައުމަކުން ރާއްޖެ ހިފަން އުޅެފައި ނެތް ކަމަށެވެ.

އެ ވާހަކައަށް ތަފުސީލް ދެއްވަމުން ޗޯލާއިންނާއި އިނގިރޭސީންނާއި އައްބާސީންނާއި ތުރުކީންނާއި ޕޯޗްގީޒުންގެ ނަން ގެންނަވާފައި މި އިން އެއްވެސް ބަޔަކު ރާއްޖެ ހިފަން މަސައްކަތް ނުކުރާކަމުގައި ލިއުއްވާފައިވެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވިކަމުގައި ވިޔަސް ޗޯލާއިންނާއި ޕޯޗްގީޒުންނާއި އިނގިރޭސިން ރާއްޖެ އަޅުވެތި ނުކުރާ ކަމަކަށް ނުވާނެ އެވެ. ހަމަ އެއާއެކު ގަބޫލުކުރަން ޖެހޭ އަނެއް ހަގީގަތަކީ ރާއްޖޭގެ މިނިވަންކަމަށް ދުވަހަކު ވެސް ބުރުލެއް އެރިނަމަ އަރާފައި އޮތީ މިހާރު އިންޑިއާކަމުގައި މިބަލާ ގައުމު އޮތް އިންޑިޔާގެ ބައްރުންނެވެ. ޕޯޗްގީޒުންނަށް ވިޔަސް މަލަބާރުންނަށް ވިޔަސް އިނގިރޭސިންނަށް ވިޔަސް އެ މީހުން އައީ އިންޑިޔާއިންނެވެ.

ދިވެހީންނާއި އިންޑިޔާ މީހުންނަކީ ދާދި އެއް ބައެއްކަން ސިފަކޮށްދެއްވަން ނަޝީދު ބޭނުން ކުރެއްވީ އަންނަނިވި އިބާރާތެވެ.

"ކަނީ އެކައްޗެކެވެ. ބަލަނީ އެއް ފިލުމެކެވެ. އަޑުއަހަނީ އެއް ލަވަތަކެވެ. ކިޔަނީ އެއްފޮތެވެ. އުޅެނީ އެއްގޮތަކަށެވެ. ތިބެނީ އެއްގޮތަކަށެވެ." މިހެންނެވެ.

ދިވެހިންގެ މައިގަނޑު ކެއުމަކީ ގަރު ދިޔައާއި ބަތާ އެވެ. ކިތަންމެ މަސް ބޭނިއަސް މިއީ އިންޑިޔާ މީހުން ދަންނަ ކެއުމެއް ނޫނެވެ. ހަނޑުލަކީ ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ހިސާބެއްގައި ވެސް މައިގަނޑު ކެއުމެވެ. އިންޑިޔާގެ ރޯޓީ އާއި ދިވެހިންގެ ރޮށި ވެސް ތަފާތެވެ. ދިވެހިން ހިންދީ ފިލްމު ނުބަލާ ކަމަކަށް ނުވާނެ އެވެ. އެއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައި ވެސް އެކަން އޮތް ގޮތެވެ. މެދުއިރު މައްޗާއި އެފްރިކާގެ ގިނަ ގައުމުތަކާއި ދެކުނު އޭޝިޔާގައި ހިންދީ ފިލްމު ބަލަ އެވެ. އެ ފިލްމުތައް ގިނަ މީހުން ބެލި ވަރަކަށް ފައިދާ ވާނީ އިންޑިޔާ އަށެވެ.

މިތާގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެނީ އިންޑިޔާ މީހުންނާއި ދިވެހިން ކިޔަނީ އެއްފޮތެއް ކަމުގައި އޮތް ވާހަކަ އެވެ. ހަގީގަތުގައި ދިވެހިން ކިޔާ ދިވެހިން ބަލައިގަންނަ ފޮތަކީ ކީރިތި ގުރުއާނެވެ.

އިންޑިޔާގައި އެތައް މިލިޔަން މުސްލިމުން ތިބި ކަމުގައި ވިޔަސް އެ ގައުމުގައި މުސްލިމުންނާ މެދު އަމަލު ކުރެވޭ ނިކަމެތިކަމުގެ ވާހަކަ މިތާގައި ހަނދާން ކުރަން ޖެހޭނެ އެވެ. އެހެން ކަމުން އިންޑިޔާ މީހުންނާ ދިވެހިން ކިޔަނީ އެއްފޮތެއްކަމުގައި އެބުނާ ވާހަކައަކީ ހަގީގަތާ ވަރަށް ބޮޑަށް ޚިލާފު ވާހަކަ އެކެވެ. ސަބަބަކީ ހިންދީންގެ ފޮތާ މުސްލިމުންގެ ފޮތް އެއްގޮތް ވާނެ ގޮތެއް ނެތީމަ އެވެ.

އެންމެ ފަހު ޕޮއިންޓެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަ ކުރައްވާފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެ ބައި ބަހަފި ކަމާއި އެއްކޮޅުގައި ޗައިނާ އެކަނި އޮވެ ދުނިޔޭގެ އެހެން ހުރިހާ ގައުމެއް އިންޑިޔާ އާ އެކު ޗައިނާޔާ ދެކޮޅަށް ތިބި ކަމުގަ އެވެ. އެހެން ކަމުން ދިވެހިން ވެސް ކޮންމެވެސް އެއްކޮޅެއް ނަގަން ޖެހޭނެ ކަމުގައި ވިދާޅުވަމުން ދިވެހިންނަށް އެންމެ ރަނގާޅުވާނީ އިންޑިޔާގެ ކޮޅު ނެގުން ކަމުގައި ވިދާޅުވެފައިވެ އެވެ.

ދުނިޔޭގެ މިއަދުގެ ހާލަތަށް ބަލާއިރު ދުނިޔޭގެ ބޮޑެތި ބާރުތައް ކަމުގައި ބެލެވުނު ހުޅަނގުގެ ގައުމުތަކާއި އެމެރިކާގެ މައްޗަށް ޗައިނާ ވަނީ މާލީ ގޮތުންނާއި ބާރުގެ ގޮތުން ވަރަށް ބޮޑު ކުރިއެރުން ތަކެއް ހޯދާފަ އެވެ. އެހެން ކަމުން ހުޅަނގުގެ ގައުމުތަކުން ބަލަނީ ކޮންމެ ގޮތަކުން ވެސް ޗައިނާގެ ކުރިއެރުން ހުއްޓުވުމަށްފަހު ދުނިޔޭގައި ހުޅަނގުން ކުޅެމުން އައި ރޯލު ދެމެހެއްޓޭތޯ އެވެ. އިންޑިޔާއަކީ މީގެ ތެރޭގައި ހުޅަނގުން ގެންގުޅޭ ބައިވެރިއެކެވެ. ރާއްޖެއަކާ މިއިން ކަމަކާ ގުޅުމެއް ނެތެވެ. އެހެން ކަމުން ދިވެހި ރާއްޖެއަށް އެންމެ ފައިދާ ބޮޑީ މި ހިފުމުގައި ވަކި ފަރާތަކަށް ނުޖެހި އޮތުން ކަމާ މެދަކު ޝައްކެއް ނެތެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ ކުރީގެ ރައީސް މައުމޫނުގެ ވެރިކަން ނިމެންދެން ރާއްޖެ އޮތީ މި ސިޔާސަތު ދަމަހައްޓާފަ އެވެ. އޭރު އިންޑިއާ އާ ޗައިނާޔާ ޕާކިސްތާނާ ސްރީލަންކާ އިން ވެސް ރާއްޖެއަށް އެހީވެ އެވެ. ކޮންމެ ގައުމަކާ ވިޔަސް ޚާއްސަ ގުޅުމެއް އޮވެ އެވެ.

ރާއްޖޭގައި ފައި ހަރުކުރުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނުލިބެ އެވެ. އެ އުސޫލަށް ބަދަލު އައީ މައުމޫނުގެ ވެރިކަން ނިމުމުންނެވެ. ދިވެހިންނަށް ރަނގަޅު ގޮތް ނިންމާނީ ދިވެހިންނެވެ.