ޕީޕީއެމްގެ ފަރާތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުގެ ކެމްޕެއިންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނެވުމަށް ނިންމައިފި އެވެ.

ޕީޕީއެމްއިން ބުނީ ރައީސް ޔާމީން ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ އެދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ މޫސާ ފަތުހީގެ ކެމްޕޭނަށް ކަމަށެވެ.

މިދަތުރުފުޅުގައި ށ. ފުނަދޫ ރައްޔިތުން އިންތިޒާމުކޮށްގެން ބާއްވާ "އިންޑިއާ އައުޓް" ހަރަކާތުގައިވެސް ރައިސް ޔާމީން ބައިވެރިވާނެކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.

މޫސާ ފަތުހީގެ ކެމްޕެއިންގައި ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނި ވަޑައިގަންނަވާ ގިނަ ބޭފުޅުން މިހާރުވެސް ތިއްބެވީ ކޮމަންޑު ދާއިރާގެ ތިން ރަށުގައި ކެމްޕެއިންގަ އެވެ.

މީގެ އިތުރުން މިއިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް އެމްޑީޕީގެ އިސް ބޭފުޅުންނާއި ދައުލަތުގެ ވަޒީރުން މިހާރުވެސް އެދާއިރާގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިއިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާގެ ގިނަ ޕޮރެޖެކްޓްތަކެއް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި ދައުލަތުގެ މުދާ ނުހައްގުން އިންތިހާބާ ދިމާކޮށް ބޭނުން ކުރަމުން އަންނަ ކަމަށް އިދިކޮޅު ޕީޕީއެމްއިން އަންނަނީ ބުނަމުންނެވެ.

ކެމްޕޭނާއި ދިމާކޮށް އަލަށް އެއްވެސް މަޝްރޫއެއް ނުފެށުމަށް އިލެކްޝަން ކޮމިޝަނުންވެސް ވަނީ ސަރުކާރަށް އަންގަވާފަ އެވެ. އެހެން ނަމަވެސް ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ސަރުކާރުން ފެށުމަށް ނިންމާފައިވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުންނެވެ.