ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ލައިވް ކޮށްދިނުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން އެދިވަޑައިގެންފި އެވެ.

ވ. އަތޮޅު އާރަށް ކުއްޔައްދިނުމުގެ މުޢާމަލާތާ ގުޅޭ ފައިސާ ލޯންޑަރކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތް ލައިވް ކޮށްދިނުމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން އެދިވަދައިގެންފިއެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށްކުރީ މަނީ ލޯންޑަރިންގެ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށްކުރީ ރިސްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ، ޝަރީއަތް ލައިވްކޮށް ދިނުމަށް އެދިފަ އެވެ. ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އަންމުކޮށް ހުޅުވާލައިގެން ޝަރީއަތް ކުރުމުގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން މިޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމަށް ޑރ. ޖަމީލް ވަނީ އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން މައްސަލަބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޖެނުއަރީ 20 ވަނަ ދުވަހު މިކަމުގައި ގޮތެއް ނިންމަވާ ދެފަރާތެއްވެސް އަންގާނެކަމަށެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ދައުވާ އިއްވައި ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި އަންނަމަހު 10 ވަނަ ދުވަހުވެސް އަޑުއެހުމެއް ބާއްވާނެކަމަށް ގާޒީ ވިދާޅުވި އެވެ.

ނަމަވެސް މިމައްސަލާގައި ދައުވާ އުފުލާފައިވާ ޔޫސުފް ނަޢީމްގެ ފަރާތްޕުޅުންވަނީ ޝަރީއަތް ލައިވް ކުރުމަށް އިންކާރުކޮށްފަ އެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ލައިވްކޮށް ގެންދިޔަ ނަމަވެސް މިމައްސަލާގައި އޭނާގެ މައްސަލަ ވަކިން ކުރިއަށް ގެންދިއުމަށް ވަނީ އެދިފަ އެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ.ފުއްގިރި ކުއްޔަށްދޫކުށްގެން ލިބުނު 1.3 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންނެވެ.

ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިސޯޓެއް ގޮތަށް ތަރައްގީކުރުމަށް އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވެ އެވެ. އަދި މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީކުރަން އާރަށް ވިއްކައިގެން ލިބުނު ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާ ކަމަށް ބުނެ އެވެ.

ވ. އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކް ދިއުމަށް ބޭނުންކުރި ފަޅުރަށެކެވެ.

ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެރަށް ދީފައި އޮއްވައި އޯގަސްޓު، 2015، ގައި އެކުންފުނި އަތުން އާރަށް ނެގުމަށްފަހު އެ އަހަރުގެ ސެޕްޓެމްބަރު މަހު، އެ ރަށް ހަވާލުކޮށްފައި ވަނީ ވ. އަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.

މީގެ އިތުރުން ރ. ފުއްގިރި މައްސަލައިގައި ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލައި, ކުރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ކުރިއަށް އެބަގެންދެ އެވެ.