ކ. މާފުށި ޖަލުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވުމާ ގުޅިގެން ކުއްލި ހާލަތަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގިނަ އަދަދެއްގެ އޮފިސަރުންނާއި ގައިދީން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި ސަބަބާ ގުޅިގެން ޖަލު ކުއްލި ހާލަތަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

މިގޮތުން ކޮވިޑްގެ އަލާމާތްތައް ހުރި އޮފިސަރުންނާއި ގައިދީންގެ ސާމްޕަލްތައް މިހާރު ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން ހަތް އޮފިސަރުންނާއި، 104 ގައިދީއަކު މިހާތަނަށް ޕޮޒިޓވްވެފައިވާ ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ. އަދި އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުމާއި ކޯޓުގެ އަޑުއެހުންތައް ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށް ވެސް ބުންޏެވެ.

ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް އެ ސާވިސްއިން އަމަލުކުރަމުން ގެންދާނެ ކަމަށާއި، އެގޮތުން މިއަދު ހަވީރު 4 އިން ފެށިގެން މާފުށި ޖަލު ކުއްލި ހާލަތަށް ގެނައުމަށް ނިންމާފައިވާ ކަމަށް އެ ސާވިސްއިން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިވަގުތު ފެތުރެމުންދާ އޮމިކްރޯން ރާއްޖެއިން ވެސް ފެނިފައިވާއިރު، ރާއްޖޭގައި ވެސް ކޮވިޑުގެ އަދަދުތައް މައްޗަށް ދާން ވަނީ ފަށައިފަ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑް ފެތުރެމުންދަނީ، އޮމިކްރޯންގެ ސަބަބުން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވަނީ ވިދާޅުވެފަ އެވެ.