ޖުމްހޫރީ މޭވާ ނުވަތަ ޕެޝަން ފުރުޓަކީ އާންމުކޮށް ގޭގައިވެސް ވަރަށް ފަސޭހައިން ހައްދާލެވޭ މޭވާ އެކެވެ. މިއީ ހުތް ފޮނި ރަހައެއްދޭ ގިނަ ބޭފުޅުންނަށް ވަރަށް މީރު މޭވާ އެކެވެ. އަދި ހަމަ އެހާމެ ގިނަ ފައިދާ އެކުލެވިގެންވާ މޭވާ އެކެވެ.

ޖުމްހޫރީ މޭވާއަކީ ވިޓަމިން ސީ، އަލްފަ ކަރޮޓިން ފަދަ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ މާއްދާ އެކުލެވިގެންވާ މޭވާ އެކެވެ. މީގެ އިތުރުން އަޔަން ނުވަތަ ދަގަނޑުގެ މާއްދާ ވެސް މި މޭވާގައި އެކުލެވިގެންވެ އެވެ. ދަގަނޑުގެ ބަޔަކީ ލޭގެ ހެމަގްލޮބިން ނުވަތަ އެޗްބީ ހުންނަ މިންވަރު އިތުރުކޮށްދޭ މާއްދާ އެކެވެ.

ޖުމްހޫރީ މޭވާގައި ގިނަ އަދަދަކަށް އެކުލެވިގެންވާ މާއްދާތަކެއް ކަމަށްވާ ވިޓަމިން ބީސިކްސް އާއި ވިޓަމިން ބީތްރީ އަކީ ތައިރޮއިޑްގެ ނިޒާމު ފުރިހަމައަށް ކުރިއަށް ގެންދިޔުމަށް އެހީވެދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން ހިތުގައިވާ އަރޓެރިއަލް ފާރުތައް ހަރު ވިޔަ ނުދިނުމާއި ހިތުގެ ވިންދު ފަދަ ނިޒާމުތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށް މި މާއްދާތައް އެހީވެދެ އެވެ.

ހަމަ އެހެންމެ އޭގައިވާ ފެނޯލިކް ކޮމްޕައުންޑާއި އަލްކަލޮއިޑްސް އަކީ ހާސްކަމާއި ނުތަނަވަސްކަމުން ދުރުކޮށް ދިނުމަށާއި ނިދަން އުނދަގޫވާ ވުން ދުރުކޮށް ދިނުމަށް މުހިންމު ދައުރެއް އަދާ ކުރާ މާއްދާތަކެއްކަންވެސް ދިރާސާާތަކުން ފާހަގަ ކުރެވެ އެވެ.

ޖުމްހޫރީ މޭވާއަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް، މެގްނީސިއަމް، ދަގަނޑުގެ ބައި، ސޯޑިއަމް ފަދަ މިނަރަލްތައް އެކުލެވިގެންވާ މޭވާ އެކެވެ. މި މާއްދާ ތަކަކީ ކަށިގަނޑުގެ ބާރު ދަމަހައްޓައިދީ ކަށިގަނޑު ފީ ވިޔަ ނުދީ ވަރުގަދަކަން މަތީގައި ދަމަހައްޓައިދޭނެ މާއްދާ ތަކެކެވެ.