ލޯބީގެ ގުޅުމަކީ ތަފާތު ގުޅުމެކެވެ. އެ ގުޅުން ހީނަރުވެ މައްސަލަ ޖެހެން ދިމާވާ ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. އެހެން ނަމަވެސް ދެމީހުން ވާހަކަ ދައްކައިގެން އެކަން ހައްލު ކުރުމަކީ އެންމެ ފަސޭހައިން ކަންކަން ހައްލު ކުރެވޭނެ އުކުޅެވެ. ތިމާ އާއި ތިމާއާ ލޯބީގެ ގޮތުން ގުޅިގެން ނުވަތަ ކައިވެނިކޮށްގެން އުޅޭ މީހާއާ ދެމެދުގައި މިފަދަ ކަންކަން ކުރިމަތިވާނަމަ ވިސްނާލުމަށްފަހު އަވަސް ފިޔަވަޅެއް އަޅާށެވެ.

ބައިވެރިޔާގެ އުޅުމަށް ބަދަލު އައުން

މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ކައިވެންޏެއް ކޮށްގެން އުޅޭނަމަ ވަކިން މިކަންތައް ފެނިދާނެ އެވެ. ކުރިން ތިމާއާއެކު ހީ ސަމާސާކޮށް ވާހަކަދައްކާ މީހާ މިހާރު އަބަދު ރުޅިވެރިކަމާއި ނަފްރަތު ނުވަތަ މަޑުމައިތިރިކަމާއި މާޔޫސްކަން މޫނުމަތިން ފެންނަމަ ތިމާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައީ އެވެ. ކޮންމެ ކަމެއްގައިވެސް ހައްލަކީ ވާހަކަ ދެއްކުންކަން ހަނދާން ކުރާށެވެ.

ކަންކަމުގައި މަޝްވަރާ ނުހޯދުން

މިއީ އަމުދުންކޮށްގެން ވާނެ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް އެއީ ދެ މީހުންގެ ދިރިއުޅުމާއި ގުޅޭ ކަމެއް ނަމަ އެވެ. މިސާލަކަށް ބައިވެރިޔާއަށް ނާންގާ އެހެން ހިސާބަކަށް ވަޒީފާ ބަދަލުކުރުން ފަދަ ކަންކަމަކީ އާއްމުކޮށް ދިމާވާ ކަންތައް ތަކެވެ. ނަމަވެސް މިފަދަ ފިޔަވަޅުތައް ނަގާއިރު، އެކަމާއި ވާހަަކަދައްކާލަން ޖެހޭ އިތުރު މީހަކު ހުރިކަން ހަނދާން ކޮށްލާށެވެ.

ކަންކަމުގައި ވާހަަކަދައްކަން ބޭނުން ނުވުން

ވާހަކަދައްކައިގެން ކަންކަން ހައްލުވާއިރު، އަބަދު ބައިވެރިޔާގެ ފަރާތުން، ވާހަކަދައްކަން ބޭނުން ނުވާ ނިޝާންތައް ނުވަތަ ވާހަަކަދައްކަން ބޭނުން ނުވާކަމަށް ސީދާކޮށް، ބުނާނަމަ އެއީވެސް ތި ގުޅުމުގައި މައްސަލަތަކެއް ޖެހި ހައްލު ކުރަން ޖެހިފައިވާކަން ހާމަކަޮށްދޭ ނިޝާން ތަކެވެެ.