ރ. ދުވާފަރު ގޭގޭގެ ފާރުތަކުގައި އިންޑިއާ އައުޓް ޖަހަން ފަށައިފި އެވެ.

މިއީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އިސްވެ ހުންނަވާ އިންޑިއާ އައުޓް ކެމްޕެއިންގެ ހަރަކާތްތައް ފުޅާކުރެއްވުމަށް ގޮވާލެއްވި ގޮވާލެއްވުމާ ގުޅިގެން ދުވާފަރު ރައްޔިތުން ހިންގި ހަރަކާތެކެވެ.

މިހަރަކާތުގެ ތެރެއިން ގޭގޭގެ ފާރުގައި އިންޑިއާ އައުޓް ސްޕްރޭކުރުމުގެ އިތުރުން ރަށުގެ ބައެއް ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅު ޝުއޫރު ހިމެނޭ ބެނާތައް ވަނީ ހަރުކޮށްފަ އެވެ.

އިންޑިއާ އައުޓް ކެމްޕެއިން ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ށ. ފުނަދޫއަށް ރައީސް ޔާމީން ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ފޮޓޯ ބޭރު ދުނިޔެއަށް ވެސް ފެންނަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅު ހެދުމުގެ ގޮތުން ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށް ވެސް ގޮވާލައްވާފަ އެވެ.