އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނަށް މިވަގުތު ބެލެން ނެތް ކަމަށް ޕީޕީއެމްއަށް އަންގައިފި އެވެ.
އޭސީސީން ޕީޕީއެމް އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އޭސީސީއަށް ހުށަހަޅާ މައްސަލަތަކާ މެދު ގޮތެއް ނިންމޭނީ ކޮމިޝަންގެ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. ނަމަވެސް މިވަގުތު އޭސީސީގައި އެއްވެސް މެންބަރަކު ނެތުމުން އެ ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގައި ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އޭސީސީގެ ސިޓީގައި އިތުރަށް ބުނެފައިވަނީ އެކޮމިޝަނަށް މެންބަރުން އައްޔަންކުރުމުން އެ ކޮމިޝަނުން ބެލުމާ މެދު ނިންމާ ގޮތެއް ފަހުން އަންގާނެ ކަމަށެވެ.
"މިހާރުގެ ހާލަތަކީ ކޮމިޝަނުގެ މެމްބަރުން ނެތި އަދި ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް ހާލަތެއް ކަމަށް ވާތީ، ތިޔަ އޮފީހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ހުށަހަޅުއްވާފައިވާ މައްސަލަތައް ބެލުމާ މެދު މި ކޮމިޝަނުން މިހާތަނަށް ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ،" އޭސީސީއިން ޕީޕީއެމްއަށް ފޮނުއްވި ސިޓީގައި ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އެތައް އަމަލެއް ހިނގަމުންދާއިރު އަދި ބައި އިލެކްޝަނެއް ކުރިމަތީގައި އޮތް އިރު އޭސީސީގެ ދޮރުގައި ބޮޑު ތަޅު އަޅުވާފައި ބެހެއްޓުމަކީ މިސަރުކާރުގެ ހުދުމުހުތާރުކަން އަންގައިދޭ ކަމެއް ކަމަށެވެ.
ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން އެ މައްސަލަ ހުށަހެޅީ އޭސީސީގެ އިތުރުން އެޗްއާރްސީއެމް އަށާއި، ޕޮލިހަށާއި، އިންތިގާލީ އިންސާފުގެ އޮފީހަށެވެ. އެ މައްސަލައިގައި 25 ކަމެއް ފާހަގަކޮށް އެކަންކަން ސާބިތުވާނެ ހެކި ލިބިފައިވާ ކަމަށްވެސް މައްސަލައިގައި ބުނެފައިވެ އެވެ.
ރިޔާސީ އިންތިޚާބުގައި އޮޅުވާލި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ކުރިން ވެސް ތުހުމަތުތައް ކުރި އެވެ.
އެ އިންތިހާބުގެ ނަތީޖާ ބާތިލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވެސް އޭރު މައްސަލަ ހުށަހެޅުއްވި އެވެ. އެކަމަކު ސުޕްރީމް ކޯޓުން އޭރު ނިންމީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރަން ޖެހޭ ފަދަ ކަމެއް ރިޔާސީ އިންތިހާބުގައި ހިނގާފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށާއި އެހެންވެ، އިންތިހާބު ބާތިލް ނުކުރެވޭނެ ކަމަށެވެ.