ބީޓްރޫޓަކީ ރާއްޖޭގެ ބާޒާރުގައި ފަސޭހައިން ލިބެން ހުންނަ އާއްމު ތަރުކާރީގެ ބާވަތެކެވެ. ދިވެހިންގެ ސުފުރާތަކުން މަދުން ނަމަވެސް ފެންނަ ބާވަތެކެވެ. މި ލިޔުމުގައި މި ބަލާލަނީ އަހަރުމެންގެ ކެއުމުގައި ބީޓްރޫޓް ގިނަ ކުރަންވީ ބައެއް ސަބަބުތަކަށެވެ.

ލޭގެ ޕްރެޝަރު ދަށް ކޮށްދޭ

ބީޓްރޫޓަކީ ނައިޓްރޭޓްސް މުއްސަނދި އެއްޗެކެވެ. ބީޓްސްގައި ހުންނަ ނައިޓްރޭޓްސް ބަދަލުވެގެން ދާނީ ނައިޓްރިކް އެސިޑަށެވެ. ނަތީޖާއެއްގެ ގޮތުން ނާރުތަކުގެ މަސައްކަތް ރަނގަޅުކޮށްދީ ލޭހޮޅިތަކުގެ ވަށަމިން ބޮޑުކޮށްދީ ލޭހިނގުން ރަނގަޅުކޮށްދެ އެވެ.

ކެންސަރު ސެލްތައް މަދު ކޮށްދޭ

ބީޓްރޫޓުގައި ހުންނަ ބީޓާ ސަޔަނިން އަދި ފައިޓޯކެމިކަލްސް އާއި އެހެނިހެން މާއްދާތަކުގެ ސަބަބުން ކެންސަރު ސެލްތައް ލެޔާއި ހަމައަށް ވާސިލްވުމަށް ހުރަސް އަޅަ އެވެ.

ހަަކަތަ އިތުރު ކޮށްދޭ

ބީޓްރޫޓު ގައި ހުންނަ "ވާސޯޑައިލޭޝަން ޕްރޮޕަޓީ"ގެ ސަބަބުން ހަށިގަނޑު ހޭލައްވާލަ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ފަސޭހަކަމާއެކު ލޭ ފޮނުވައިދީ ހަށިގަނޑުގެ ބުންވަރު އިތުރު ކޮށްދެ އެވެ.

ނޭވާ ހިއްލުން ރަނގަޅު ކޮށްދޭ

ބީޓްރޫޓަކީ މެގްނީސިއަމް އާއި ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ތަރުކާރީ އެކެވެ. މެގްނީސިއަމް އާއި ވިޓަމިން ސީއަކީ ނޭވާހިއްލުމުގެ މައްސަލަ ހުންނަ މީހުންގެ ނޭވާ ހިނގާ މަގުގައި ހުންނަ ފިއްތުން ކުޑަ ކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ހަކުރުބަލީގެ އަސަރު ކުޑަ ކޮށްދޭ

ބީޓްރޫޓަކީ ހަކުރު ބައްޔަށް ފަރުވާ ހޯދުމަށް ބޭނުން ކުރެވެމުން އަންނަ ތަރުކާރީ އެކެވެ. މި ތަރުކާރީ ކެއުމުން ހަކުރުބަލީގެ ވައްތަރެއް ކަމަށްވާ "ޓައިޕް ޓޫ ޑައިބެޓީސް" ކޮންޓްރޯލް ކޮށްދެ އެވެ.

ލޮލުގެ ފެނުން ރަނގަޅު ކޮށްދޭ

އުމުރުން ދުވަސްވުމުން އަހަރެމެންގެ ލޮލުގެ ފެނުމުގެ ބާރު ދަށަށް ދެ އެވެ. ލޮލުގެ ސިއްޙަތު ރަނގަޅު ކޮށްދިނުމަށް އެހީތެރިވެދޭ ބީޓާ-ކެރޮޓީން ބީޓްރޫޓުގައި ހުރެ އެވެ. އެހެންކަމުން ބީޓްރޫޓް ކެއުން ގިނަ ކޮށްފި ނަމަ ލޮލުގެ ސިއްހަތު ރަނގަޅުކޮށްދޭނެ އެވެ.