މިދިޔަ އަންގާރަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓު ގުނުން ކުރިޔަށްދާ ވަރަކަށް ޑިމޮކްރެޓިކް ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑެންއަށް ލިބޭ ވޯޓު އަންނަނީ އިތުރުވަމުންނެވެ.

ޕެންސިލްވޭނިއާ، ޖޯޖިއާ، އެރިޒޯނާ އަދި ނެވާޑާގެ ވޯޓުތައް ގުނުން ކުރިޔަށް ދާތީ ޓްރަމްޕް ދަނީ ޝަކުވާކުރައްވަމުންނެވެ.

ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ މިހާރު ވޯޓު ގުނަމުން އަންނަ ސްޓޭޓްތަކުގައި ކުރި ހޯއްދެވީ އެމަނިކުފާނު ކަމަށެވެ. ނަމަވެސް އެ ވޯޓުތައް މިހާރު މަދުވަމުންދަނީ ކީއްވެގެން ކަމާމެދު ޓްރަމްޕް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ޓްރަމްޕް އެންމެ ފަހުން ވިދާޅުވެފައި ވަނީ ވޯޓު ގުނުން ހުއްޓާލަން ރައްޔިތުން ގޮވަމުންދާ ކަމަށެވެ. އަދި ދެ ފުށް ފެންނަ ގޮތަށް ކުރިޔަށް ގެންދަން ގޮވާލާ ކަމަށެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ވޯޓު ގުނާ މަރުކަޒުތަކަށް ލީގަލް އޮބްޒާވަރުންނަށް ވަނުމުގެ ހުއްދަ ނުދޭ ކަމަށެވެ.

ވޯޓު ގުނަމުންދާ ސްޓޭޓްތަކުގެ ތެރެއިން ޕެންސިލްވޭނިއާގެ ވޯޓުގެ އެންމެ ފަހުގެ ނަތީޖާ ދައްކާ ގޮތުން ޓްރަމްޕަށް ވުރެ ބައިޑެން އުޅުއްވަނީ 28،000 އަށް ވުރެ ގިނަ ވޯޓާއެކު ކުރީގަ އެވެ. އަދި ޖޯޖިއާގައި ބައިޑެން އުޅުއްވަނީ 7،200 ވޯޓާއެކު ޓްރަމްޕަށް ވުރެ ކުރީގަ އެވެ. އެ ސްޓޭޓްތަކުގެ ދާއިމީ ނަތީޖާ މިރޭގެ ވަގުތެއް ލިބޭނެ ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.

އެންމެ ފަހުގެ ނަތީޖާ ދައްކާ ގޮތުން ބައިޑެން އަށް ވަނީ 306 އިލެކްޓޯރަލް ވޯޓު ކަށަވަރުވެފަ އެވެ. އަދި ޓްރަމްޕަށް ލިބިވަޑައިގަންނަވާނީ ގިނަވެގެން 213 އިލެކްޓޯރަލް ޥޯޓެވެ.