މޮސްކޯ (11 ފެބްރުއަރީ) - ރަޝިޔާއިން ޔޫކްރެއިންގެ ކައިރީގައި އިތުރު ސިފައިން ޖަމާކުރަމުންދާ ކަމަށާއި، މި މަހު ބާއްވާ ފިނި މޫސުމުގެ އޮލިމްޕިކްސް ނިމުމުގެ ކުރިން ކޮންމެ ފަދަ ވަގުތެއްގައި ވެސް ހަމަލާއެއް އަތުވެދާނެ ކަމަށް ވޮޝިންޓަން އިން ބުނެފި އެވެ.

މޮސްކޯއިން ހުޅަނގުގެ ޑިޕްލޮމެސީއަށް ދިން އިޖާބު އިތުރަށް ހަރުކަށި ކޮށްފައި ވާއިރު، އީޔޫ އާއި ނޭޓޯއިން ސަލާމަތީ ޑިމާންޑްތަކަށް މި ހަފްތާގައި ފޮނުވި ޖަވާބުތަކުން "އިހުތިރާމް ކުޑަކަން" ހާމަވެގެން ދިޔަ ކަމަށް މޮސްކޯއިން ބުނެ އެވެ.

އެމެރިކާގެ އަމިއްލަ ކުންފުންޏަކުން އާންމުކުރި ކޮމާޝަލް ސެޓެލައިޓް ފޮޓޯތަކުން ޔޫކްރެއިންގެ ކައިރީގައިވާ ބައެއް ތަންތަނުގައި ރަޝިޔާގެ އާ އަސްކަރީ ފައުޖުތައް ހަރަކާތްތެރިވާ މަންޒަރު ފެނެ އެވެ.

ޔޫކްރެއިންގައި ތިބި އެމެރިކާ މީހުން ވީއެންމެ އަވަހަކަށް އެ ގައުމުން ނުކުތުމަށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރުގައި ރައީސް ޖޯ ބައިޑަން ވިދާޅުވީ، ރަޝިޔާއިން ހަމަލާދީފި ހާލަތެއްގައި އެމެރިކާގެ ރައްޔިތުން ސަލާމަތް ކުރުމަށް ސިފައިން ނުފޮނުވާނެ ކަމަށެވެ.

"ކަންކަން ވަރަށް ބޮޑަށް ގޯސްވެދާނެ،" އެންބީސީ ނިއުސް އާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވި އެވެ.

ހުކުރު ދުވަހު ބައިޑަން ވަނީ އިނގިރޭސިވިލާތް، ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ޕޮލެންޑް އަދި ރޫމޭނިއާގެ ވެރިންގެ އިތުރުން ނޭޓޯއާއި އީޔޫގެ ވެރިންނާ ވެސް މި މައްސަލައާ ބެހޭ ގޮތުން ފޯނުން މަޝްވަރާ ކުރެއްވުމަށް ނިންމަވައިފަ އެވެ.

މި ބައްދަލުވުމުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި ބައިޑަން ވަނީ ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި އޭނާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުންނާ ރޭ ބައްދަލު ކުރައްވައިފަ އެވެ. އެމެރިކާގެ އެންމެ އިސްވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މި މައްސަލަ ނާޒުކު ފައްތަރަކަށް ހިނގައިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، މޮސްކޯގެ ބަހަނާތައް ހަރުކަށިކުރުމާއި، ރަޝިޔާގެ ހަ ހަނގުރާމަމަތީ މަނަވަރު ބްލެކް ސީއަށް ފޮނުވުމާއި، ބެލަރޫސްއަށް ދަތުރުކުރާ ރަޝިޔާގެ އަސްކަރީ އިތުރު އާލާތްތައް ވެސް ހިމެނޭ ކަމަށް ބުނެ އެވެ.

"އަހަރެމެން މިތިބީ ވިންޑޯއެއްގައި، ކޮންމެ ވަގުތެއްގައި ވެސް ޔޫކްރެއިން ހިފުމުގެ މަސައްކަތް ފަށައިފާނެ. އަދި ސާފުކޮށް އެނގެން ޖެހޭނެ، އެ ވަގުތު އޮލިމްޕިކްސް ވެސް ހިނގަމުންދާނެކަން،" އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވި އެވެ.

ޗައިނާގެ ބެއިޖިންގައި އޮންނަ ގޭމްސް ނިމޭނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

"ކުރު ގޮތަކަށް ބުނާނަމަ، ރަޝިޔާގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވަމުންދާ ކަމުގެ ނިޝާންތައް އަދިވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. އޭގެ ތެރޭގައި ޔޫކްރެއިންގެ ބޯޑަރު ހުރަސްކޮށް އާ ފައުޖުތައް ވަނުން ވެސް ހިމެނޭ،" ބްލިންކެން އިތުރަށް ވިދާޅުވި އެވެ.

އިންޓަފެކްސް ނިއުސް އޭޖެންސީން ރަޝިޔާގެ ދިފާއީ ވުޒާރާގެ ބަޔާނަކާ ހަވާލާދީ ބުނެފައި ވަނީ، ރަޝިޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ވެލެރީ ގެރަސިމޯވް އާއި، އެމެރިކާގެ ޖޮއިންޓް ޗީފްސް ޗެއާމަން ޖެނެރަލް މާކް މިލްލީ މިއަދު ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ބައިނަލްއަގްވާމީ ސަލާމަތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

މި ކަންބޮޑުވުންތަކާއެކު ޖަޕާނާއި ނެދަލޭންޑްސް އިން ވެސް ހުކުރު ދުވަހު ވަނީ ޔޫކްރެއިން އިން ވަގުތުން ފޭބުމަށް އެ ގައުމުތަކުގެ ރައްޔިތުންނަށް އަންގައިފަ އެވެ. ނެދަލޭންޑްސްގެ ޑިޕްލޮމެޓިކް މިޝަން ކީވް އިން، ރަޝިއާގެ ބޯޑަރު ސަރަހައްދުން ފެށިގެން ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ ލިވިވް އާ ހަމައަށް ބަދަލުކުރަން ނިންމާފައިވެ އެވެ.

ރަޝިޔާއިން މިހާރު ވެސް ޔޫކްރެއިންގެ ކައިރީގައި 100،000 އަށް ވުރެ ގިނަ ސިފައިން ޖަމާކޮށްފައިވާއިރު، މި ހަފްތާގައި ރަޝިޔާއިން ވަނީ އަވަށްޓެރި ބެލަރޫސްގައި އަސްކަރީ ތަމްރީނުތަކާއި، ބްލެކް ސީގައި ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ވެސް ފަށާފަ އެވެ.

މޮސްކޯއިން ޔޫކްރެއިން ހިފަން ރާވާފައިވާ ރޭވުންތައް ދޮގުކުރަމުން މޮސްކޯއިން ބުނެފައި ވަނީ، ނޭޓޯގެ މެމްބަރަކަށް ޔުކްރެއިން ނުހެދުމާއި އިރުމަތީ ޔޫރަޕުން ފައުޖުތައް ފޭބުމަށް ނޭޓޯއިން ވެފައިވާ ވައުދުތައް ވެސް ހިމެނޭ ގޮތަށް ގިނަ ޑިމާންޑްތަކެއް ފުރިހަމަ ނުވާނަމަ، ވަކި "އަސްކަރީ-ޓެކްނިކަލް" ފިޔަވަޅުތަކެއް އެޅިދާނެ ކަމަށެވެ. -- ރޮއިޓާސް