ވޮޝިންޓަން (16 ފެބްރުއަރީ) - ރަޝިއާގެ ހަމަލާއެއް ޔޫކްރެއިންއަށް ކުރިމަތިވުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑު ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްއިން ދެއްވި ޚިތާބެއްގައި ބައިޑަން ވިދާޅުވީ ހަނގުރާމައަކަށް ނުގޮސް ސުލްހަވެރިކަމާއެކު މައްސަލައަށް ހައްލު ހޯދުމުގެ ފުރުސަތު ރަޝިއާއަށް އެބަ އޮތް ކަމަށާއި ނަމަވެސް ހަނގުރާމައިގެ ހާލަތަކަށް ގޮސްފިނަމަ އެކަމަށް ވެސް އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ،

"ރަޝިއާގެ ކޮންމެ ފިޔަވަޅަކަށް ރައްދުދޭން އަހަރުމެން މިތިބީ ތައްޔާރަށް. މަޝްވަރާ ކުރަން ބޭނުންނަމަ އެކަން ވެސް ކުރެވޭނެ. ހަނގުރާމައަކަށް ގޮސްފިނަމަ އެކަމަށް ވެސް ރައްދު ދޭނަން،" ބައިޑަން ވިދާޅުވި އެވެ.

ބައިޑަން އިތުރަށް ވިދާޅުވީ ބޯޑަރު ކައިރީގައި 150،000 އަށްވުރެ ގިނަ ރަޝިއާ ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށާއި އެސަބަބަށްޓަކައި އެމެރިކާގެ ރައްޔިތުން ވަގުތުން ޔޫކްރެއިންއިން ފޭބުމަށް އިލްތިމާސް ކުރާ ކަަމަށެވެ.

ބައިޑަން މިހެން ވިދާޅުވެފައި މިވަނީ ރަޝިއާގެ ސިފައިން ތަމްރީނުތައް ނިންމުމަށްފަހު ބޯޑަރު ސަރަހައްދު ދޫކޮށް ދާން ފަށާފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީއިން ބުނެފައި ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން ބައިޑަން ވިދާޅުވީ އެމައުލޫމާތުގެ ސައްހަކަން ޔަގީން ނުވާ ކަމަށާއި އަދިވެސް ބޯޑަރު ކައިރީގައި ނުރައްކާ އަދަދަކަށް ރަޝިއާގެ ލަޝްކަރު ޖަމާކޮށްފައިވާ ކަމަށެވެ.

އެމެރިކާއިން ވަނީ މިހާރު ކުރިއަށްދާ ވިންޓާ އޮލިމްޕިކްސް ނިމުމުގެ ކުރިން ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ނަމަވެސް އެފަދަ އެއްވެސް ރޭވުމެއް ގެންގުޅޭކަމަށް ކުރެވޭ ތުހުމަތުތައް ރަޝިއާއިން އަބަދުވެސް އަންނަނީ ދޮގު ކުރަމުންނެވެ. -- އަލް އަރަބިއްޔާ