ޅ. އޮޅިވެލިފުށީގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ނިމޭއިރު، އެރަށުގައި ބޭނުންކުރާ މުޅި ކަރަންޓްގެ ނިޒާމް ސޯލާއަށް ބަދަލުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަޒީރާ ހޮޅުއަށި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އޮޅުވެލިފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަން ހިއްސާކުރައްވާފަ އެވެ. އެގޮތުން ރައީސް ވަނީ މިހާރުން މިހާރަށް ހައްލު ހޯދައިދެވެންހުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި އޮޅުވެލިފުށީގައި މިހާރު ހިނގަމުންދާ ސޯލާ ނިޒާމްގެ މަޝްރޫޢުގެ ދަށުން ރަށުގެ ކަރަންޓުގެ 70 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން އުފައްދާކަން ފާހަގަކުރައްވަމުން މަޝްރޫޢު ނިމިގެންދާއިރު ރަށުގައި އުފައްދާ ހުރިހާ ކަރަންޓެއް 100 އިންސައްތައަށް ބަދަލުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރުވެސް ސޯލާ މަޝްރޫއުގެ ބޮޑު ބައި ނިމި ކަރަންޓުގެ ބޮޑު ބައި ބޭނުންކުރަނީ ސޯލާގައި. އޭގެން 70 ކިލޯ ވޯޓް އުފެއްދޭ. އަމާޒަކީ މުޅި ކަރަންޓް ސޯލާއަށް ބަދަލުކުރުން. އެކަން ފެނަކައިން ކުރާނެ. މުޅި ކަރަންޓް ސޯލާއަށް ބަދަލުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ޅ. އޮޅުވެލިފުށީ ރައްޔިތުންނާ ރައީސް ސޯލިހު މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މިހާރު އެންމެ މުހިންމު މަޝްރޫއެއްގެ ގޮތުގައި ކުރިއަށްދަނީ ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫއު ކަމަށާއި، އެ މަސައްކަތް ނިންމުމަށް ކުޑަ ލަސްކަމެއް އައި ނަމަވެސް ވީހާ ވެސް އަވަހަށް އެ މަޝްރޫއުތައް ނިންމާ ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އައު އިންޖީނުގެ މަޝްރޫއާއި، ފުޓްބޯޅަ ދަނޑު ތަރައްގީކުރުމާއި އައުޓްޑޯ ޖިމެއް ގާއިމްކުރުމުގެ މަޝްރޫއު ނިންމާ ޚިދުމަތް ދޭން ފަށާނެ ކަމަށާއި، އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ވެސް މަސައްކަތްކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިވަގުތު އޮޅުވެލިފުށީގައި އޮތީ ކުޑަ ބަނދަރަކަށްވެފައި ބައެއް ދުވަސްވަރު ބަނދަރު ތިލަވާ މައްސަލަ ހައްލުކުރުމަށް އައު ބޮޑު ބަނދަރެއް ތަރައްގީކުރާއިރު، ރަށުގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމަނައިގައިގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އޮޅުވެލިފުށީގައި އެޅުމަށް ނިންމާފައިވާ 8 ކްލާސްރޫމްގެ ބަދަލުގައި 10 ކްލާސްރޫމް އަޅުއްވާނެކަމަށް ވިދާޅުވިއެވެ. މިއާއެކު އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ބަދަލުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ސިއްޙީ މަރުކަޒުގައި ލެބޯޓްރީއެއް ޤާއިމްކޮށް، އިތުރު ވަސީލަލްތައްވެސް އެ މަރުކަޒުގައި ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މުސްތަގުބަލުގައި ފާދިއްޕޮޅުގައި އެންމެ ބޮޑަށް ތަރައްގީ ވާނީ އޮޅުވެލިފުށި ހިމެނޭ ސަރަހައްދު ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ބޯހިޔާވަހިކަން ހައްލުކުރުމަށް ވެސް ސަރުކާރުން މަސައްކަތްކުރައްވާކަން ރައީސްގެ ވާހަކަފުޅުގައިި ވަނީ ފާހަގަކުރައްވާފަ އެވެ.

އޮޅުވެލިފުށީގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ހުރިކަން ރައީސް ފާހަގަކުރައްވާފައިވާއިރު، މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން އެ ރަށުގައި 10 މަޝްރޫޢެއް އެކި މަރުހަލާގައި އެބައޮތެވެ. މި ރަށުގެ ތަރައްގީއަށް މިއަހަރުގެ ބަޖެޓްގައި ވަނީ 13.7 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.