ރަހީނުކޮށް، މަރާލާފައި އޮތްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އުމުރުން 17 އަހަރުގެ ކުއްޖާ ގޭބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. އޭނާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

މި މައްސަލައިގައި ދައުވާލިބޭ 17 އަހަރުގެ ކުއްޖާ ގޭބަންދަށް ބަދަލުކޮށްފައިވަނީ ޝަރުތުތަކަކާއި އެކުގަ އެވެ. އެގޮތުން ކޯޓުން އޭނާ ގޭބަންދަށް ބަދަލުކުރަން އަމުރުކުރީ، ކުއްޖާ ބަންދުކޮށްފައިހުރި ޖަލަކީ، ކުޑަކުދިންނަށް އެކަށީގެންވާ ޖަލަކަށް ނުވުމުންކަން ފާހަގަކޮށް ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތުދީ، އެކަމަށް ރިއާޔަތްކުރުމަށްފަހު އެވެ.

އެއަށްފަހު، ކަރެކްޝަނަލް ސާވިސްއިން، ކުޑަކުދިން ބަންދުކުރުމަށް ޑިޓެންޝަން ސެންޓަރެއް ގާއިމްކުރުމުން ދައުލަތުން ވަނީ ކުއްޖާ އެތަނަށް ބަދަލުކުރުމަށް ކޯޓުގައި އެދިފަ އެވެ. އެހެންނަމަވެސް ކޯޓުން ނިންމި ނިންމުމަށް ބަދަލު ނުގެނެސް، އެކުއްޖާ ގޭބަންދުގައި ބެހެއްޓުމުން، ދައުލަތުން ވަނީ އެމައްސަލަ އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފް ޝަރީއަތުގައި ދައުލަތުން ބުނީ، ކުއްޖާ ގޭބަންދަށް ބަދަލު ކުރި ނަމަވެސް، އެކުއްޖާގެ ފަރާތުން މުޖުތަމައުއަށް ނުރައްކާވުމުގެ ފުރުސަތެއް އެބަ އޮތް ކަމަށެވެ. ހަމައެހެންމެ، މައްސަލައިގެ ބާވަތުން ކުއްޖާގެ ބަންދަށް ލުޔެއް ލިބިގެން ނުވާނެކަމަށް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.

ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، ކުއްޖާއަށް މީހަކު މަރައިލުމުގެ ދައުވާ އުފުލައި، މުޖުތަމައުއަށް އެކުއްޖާގެ ފަރާތުން ނުރައްކާ އޮތް ނަމަވެސް އެކުއްޖާގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް ގޭބަންދުގައި ބެހެއްޓޭނެކަމަށެވެ. މި މައްސަލަ ބެއްލެވި ތިން ޣާޒީންކަމަށްވާ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ، އަދި ފަނޑިޔާރު ހުސެއިން ޝަހީދު ވަނީ ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށްފަ އެވެ.

17 އަހަރުގެ ކުއްޖާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.