ރަޝިޔާއިން ޔޫކްރެއިންއަށް އެރުމާ ގުޅިގެން ދިފާއީ ފިޔަވަޅެއްގެ ގޮތުން ފުރަތަމަ ފަހަރަށް ނޭޓޯގެ ރެސްޕޮންސް ފޯސް އެކްޓިވޭޓް ކޮށްފި އެވެ.

ނޭޓޯގެ ސުޕްރީމް އެލައިޑް ކޮމާންޑަރު ޖެނެރަލް ޓޮޑް ވޯލްޓަސް ވަނީ ނޭޓޯގެ އެލަޔަންސަށް ވާގިވެރިވުމުގެ ގޮތުން އަވަސް ގޮތެއްގައި ހަރަކާތްތެރިވެވޭނެ އެކުވެރި ގައުމުތަކުގެ އެއްގަމާއި، ވައިގެ، ކަނޑުގެ އަދި ސްޕެޝަލް އޮޕަރޭޝަންސް ފޯސަސް އެކުލެވޭ މަލްޓިނޭޝަނަލް ފޯސް އެކްޓިވޭޓް ކޮށްފަ އެވެ.

ރެސްޕޮންސް ފައުޖުތައް އެކްޓިވޭޓް ކުރުމުގެ މާނައަކީ އެމެރިކާ ނުވަތަ ނޭޓޯގެ އެއްވެސް ސިފައިންގެ ފައުޖެއް ޔޫކްރެއިންއަށް ދިއުން ނޫން ކަމަށާއި ސަބަބަކީ އެއީ ނޭޓޯގެ މެމްބަރަކަށް ނުވާތީ ކަމަށް ނޭޓޯ އިން ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ބޭނުން ވަނީ އެމެރިކާގެ ފައުޖުތައް އިރުމަތީ ޔޫރަޕަށް ފޮނުވައިގެން ރަޝިޔާގެ ހަރުކަށި އަމަލުތަކާ މެދު ހިތްހަމަނުޖެހުން އުފެދިފައިވާ ނޭޓޯގެ ގައުމުތައް ބާރުގަދަ ކުރުމަށް އެހީތެރިވުމަށެވެ. ނަމަވެސް ޔޫކްރެއިންގައި ހަނގުރާމަ ނުކުރުމަށް އެމެރިކާއިން ނިންމާފައިވެ އެވެ.

"މިއީ ތާރީހީ ވަގުތުކޮޅެއް އަދި މި އެލަޔަންސުން މިހާރު ވަރުގަދަ ފައުޖެއް ހިތްވަރާއެކު ދިފާއީ ރޯލެއް އަދާކުރަން ބޭނުން ކުރާ ފުރަތަމަ ފަހަރު. އަދި، އެ ބާރުތަކަކީ، ފަސޭހަކަމާއެކު އެކި ގޮތްގޮތުން ބޭނުންކުރެވޭނެ، އިތުބާރުކުރެވޭ ބާރެއްގެ ގޮތުގައި ތަމްސީލުކޮށް، އެ ބާރުތަކުގެ ބޭނުން ފުރިހަމައަށް ހިފޭނެ ފައުޖެއް،" ވޮލްޓަސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ މިފަދަ ވަރުގަދަ ފިޔަވަޅުތަކަކީ ބުއްދިވެރި ފިޔަވަޅުތަކަކަށް ވާނެ ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން، ނޭޓޯގެ ސްޕީޑާއި، ޒިންމާއާއި ގާބިލުކަން އިތުރުވެ، އެއް ބިލިއަން ރައްޔިތުން ހިމާޔަތް ކުރުމަށް ސިފައިންކޮށްފައިވާ ހުވާއިން ވެސް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެ ފޯސް އަދި ނުނެރުނު ނަމަވެސް އޮތީ ތައްޔާރީ ހާލަތުގައި ކަމަށް ވެ އެވެ. ރެސްޕޮންސް ފޯސްގައި ތިބޭނީ ކިތައް ސިފައިން ކަމެއް އަދި ސާފެއް ނުވެ އެވެ.