ޔޫކްރެއިން އާއި ރަޝިޔާ އާ ދެމެދުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ޔުކްރެއިންގައި މިހާރު ތާށިވެފައިތިބި ހުރިހާ ދިވެހިން، ހަންގޭރިއަށް ދިޔުމަށް ދަތުރު ފަށައިފި އެވެ.

ޔުކްރެއިންގައި ތިބި ދިވެހިންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ފޮރިން މިނިސްޓްރީން ބުނީ އެގައުމުގައި ރާއްޖެ ނާދެވިފައި ތިބި ހުރިހާ ދިވެހިން މިއަދު ހަންގޭރިއަށް ދިޔުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.

ޔުކްރެއިންގައި ތާށިވެފައިތިބީ ނުވަ ދިވެހިންނެވެ. އެއީ ހަރްކިވްގައި ތިބި އަށް ދިވެހިންނާއި ނިފްރޯގައި ހުރި މީހާ އެވެ.

ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިންގައި ތާށިވި ތިން ދިވެއްސަކު މިހާރު ވަނީ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް ގޮސްފަ އެވެ. އެއީ ވެރިރަށް ކިއެވްގައި ތިބި މީހުންނެވެ.

ރަޝިއާއިން ޔޫކްރެއިނަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަމަލާދީ ހަނގުރާމަ ފަށާފައި ވާއިރު، ރަޝިއާގެ ފައުޖުތައް ވަނީ ހަރްކީވްއަށް ވަދެގަނެފަ އެވެ. އެ ސިޓީގައި ތާށިވެފައި ތިބި ދިވެހިން އިއްޔެއާ ޖެހެންދެން ތިބީ ބިންގަރާހެއްގެ ތެރޭގަ އެވެ.

ޔޫކްރެއިންގެ އިވަނޯގައި ތިބި 15 ދިވެހިން ވެސް މިދިޔަ ހޯމަ ދުވަހު ރާއްޖެ ގެނައީ ހަންގޭރީ ބޯޑަރު ހުރަސްކޮށް، އެ ގައުމުންނެވެ.