ރަޝިއާގެ ސިފައިން ޔުކްރެއިނަށް އަރައި ވަރުގަދަ ހަމަލާތައް ދިނުން ކުށްވެރިކޮށް އަދި ރަޝިއާގެ ސިފައިން ޔުކްރެއިން ވަގުތުން ފޭބުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހުގައި ރޭ ރެގި ވޯޓުގައި ރަޝިއާއާ ދެކޮޅަށް ރާއްޖޭން ވޯޓު ދީފި އެވެ.

މި މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ރަސްމީކޮށް ހާމަކުރި ފުރަތަމަ ފަހަރެވެ. މި ވޯޓު ނެގިއިރު އާއްމު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އދ. މަޖިލީހުގައި ރޭ ނެގި މި ވޯޓުގައި 193 ގައުމު ވޯޓު ގައި ބައިވެރިވެ ރަޝިއާއާ ދެކޮޅަށް 141 ގައުމަކުން ވޯޓުން ދިން ނަމަވެސް ރަޝިއާއާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ އިސްކޮށް އޮތް އެމެރިކާއާ ގާތް ގުޅުމެއް އޮންނަ އިންޑިއާ އޮތީ ވަކި ކޮޅަކަށް ވޯޓު ދޭން އިންކާރުކޮށްފަ އެވެ. އިންޑިއާގެ އިތުރުން މި ސަރަހައްދުން ސްރީ ލަންކާ އާއި ބަންގްލާދޭޝް އާއި ޕާކިސްތާނުން ވެސް ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ރަޝިއާއާ އަސްކަރީ ގުޅުން ބޮޑު ދެ ގައުމެވެ.

އދ.ގެ އާންމު މަޖިލީހުގައި ރަޝިއާއާ ދެކޮޅު ގަރާރަށް ރޭ ނެގި ވޯޓުގެ ނަތީޖާ

މިއީ 1982 ވަނަ އަހަރުގެ ފަހުން މިފަދަ މައްސަލައެއްގައި އދ. ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި މިފަދަ ގަރާރެއް ފާސްކުރި ފުރަތަމަ ފަހަރެވެ.

ޔުކްރޭންގައި ރަޝިއާ ހިންގަމުން ގެންދާ ޚާއްސަ އޮޕަރޭޝަނާ ބެހޭ ގޮތުން އދ. ގެ އާންމު މަޖިލީހުގައި ދެދުވަސް - ހޯމަ އަންގަރަ- ވަންދެން ގައުމުތަކުން ވަނީ މަޝްވަރާކޮށްފަ އެވެ. ކޮންމް ގައުމަކުން ވެސް ފާޅުކޮށްފައި ވަނީ އެގައުމަކަށް ފެންނަ މިނިވަން ޚިޔާލެވެ.

އާންމު މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރި ނަމަވެސް މިއީ ގާނޫނީ ބާރެއް ލިބިގެންވާ ގަރާގެއް ނޫނެވެ. އެހެންކަމުން މި ގަރާރަށް ބޯނުލެނބުމަކުން ރަޝިއާއަށް ދެވޭނެ އަދަބެއް ނޯންނާނެ އެވެ.

އދ. އިން މިފަދަ ގަރާރުތައް ފާސްކުރުމުގެ ބޭނުމަކީ އެކަމަކަ ބެހޭ ގޮތުން ދުނިޔެ ދެކޭ ގޮތް ބެލުމެވެ. ހުށަހެޅިފައި އޮތް ކަމަކަށް ތާއީދުކުރަނީ ކިތައް ގައުމުތޯ ނުވަތަ ނުކުރަނީ ކިތައް ގައުމުތޯ ބެލުމެވެ.

އދ.ގެ އާންމު މަޖިލީހުގައި ރަޝިއާއާ ދެކޮޅު ގަރާރަށް ރޭ ވޯޓު ނަގަނީ.

ރަޝިއާގެ ސަލާމަތަށް ޔުކްރެއިންގެ އަމަލުތަކުގެ ސަބަބުން ނުރައްކާވާ ކަމަށް ބުނެ ރަޝިއާގެ ސިފައިން ހަނގުރާމަ ފެށުމާ ދެކޮޅަށް ފާސްކުރި ގަރާރަށް ވަކިކޮޅަކަށް ވޯޓު ނުދޭ 35 ގައުމެއް އޮތެވެ. އިންޑިއާ، ސްރީ ލަންކާ، ބަންގްލާދޭޝް، ޕާކިސްތާން އަދި ޗައިނާގެ އިތުރުން މި ލިސްޓުގައި އީރާނާއި އިރާގު ވެސް ހިމެނެ އެވެ.

ރަޝިއާގެ އިތުރުން ގަރާރާ ދެކޮޅަށް ވޯޓު ދީ ރަޝިއާ އަށް ތާއީދުކުރީ ބެލަރޫސް، އުތުރު ކޮރެއާ، އެރިތުރިއާ އަދި ސީރިއާ އެވެ.

މީގެ އިތުރުން 13 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.