އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުން ކެމްޕޭނަށް އައްޑުއަށް ވަޑައިގަންނަވައިފި އެވެ.

އެގޮތުން ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އައްޑުއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު އެމަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އައްޑޫން ކިޔާފައިވަނީ ފިނި ތަރުހީބެކެވެ.

މިނިސްޓަރު ފައްޔާޒުގެ ޓީމާއި އިންތިގެ ޓީމު ވެސް އަންނަ އާދީއްތަ ދުވަހާ ހަމައަށް އައްޑޫގައި ހަރަކާތްތެރިވާނެ އެވެ.

އިންތިވެސް ކެމްޕޭނަށް ވަނީ އައްޑޫއަށް ވަޑައިގަތްފައި..

މި ކެމްޕެއިން ހަރަކާތަށް މިނިސްޓަރު ފައްޔާޒުގެ އަރިހުގައި އޭނާއަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދާއިރާތަކުގެ މެންބަރުން އުޅުއްވާނެއެވެ. އޭގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ހިމެނިވަޑައިގަންނަވަ އެވެ.

އިންތިގެ ކެމްޕޭން ޓީމުގައި ބައިވެރިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ އިތުރުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އިންތިއަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ. ފައްޔާޒަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅެކެވެ.