ރާއްޖޭގެ ގައުމީ ސަލާމާތާއި ޚާރިޖީ ގުޅުންތަކަށް ނުރައްކާ ވާގޮތަށް ކުރީގެ ރައީސް ޔާމީނަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީުގެ މިއަދު ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވަނީ އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން ރައީސް ޔާމީން ދައްކަވާފައިވާ ވާހަތައް ދޮގުކުރައްވައި، އެއްބަސްވުމުގައި ހުރި ވާހަކަތަކުގެ ތަފްސީލް ދެއްވާފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިދިޔަ ހަފްތާ ބަންދުގައި އދ. މަހިބަދޫގައި ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމަކީ ރާއްޖޭގެ މިނިވަންކަން ބުރޫއަރާ ފަދަ ގޮތަކަށް އޮތް އެއްބަސްވުމެއް ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާއިން ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތަކަށް ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި މިހާރު ރާއްޖެ ސަރަޙައްދަށް ވަދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ދިވެހި ސަރުކާރަށް ހަމައެެކަނި އިންޑިއާގެ އުޅަނދެއް ރާއްޖެ އަންނަކަން އަންގާލުމުން ފުދޭ ގޮތަށް އެއްބަސްވުން ހަދާފައިވާ ކަަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް ބޭނުން ބާވަތެއްގެ ހަތިޔާރެއް ބޭނުން މިންވަރަކަށް އެތެރެ ކުރެވޭނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ވާހަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މި މައްސަލާގައި މަޖިލީހުގެ 241 ކޮމެޓީން ހެދި ދިރާސާގައި އުތުރު ތިލަފަޅު އެއްބަސްވުމުގެ ދަށުން އެތަނުގައި ގާއިމްކުރެވޭ ފެސިލިޓީތަކާއި، އިންފްރާސްޓްރަކްޗާ އާއި، އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސްއާއި، އެތަނުގައި އިންސްޓޯލްކުރެވޭ އިކުއިޕްމަންޓްތަކަކީ، ހަމައެކަނި ދިވެހި ދައުލަތުގެ މިލްކެއްކަމުގައި އެއެގްރީމަންޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"ދިވެހި ދައުލަތުގެ ނަމުގައި ދިވަހި ސަރުކާރުން ވެފައިވާ އަސްކަރީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުންތަކާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފް ވާހަކަ ދައްކައި ފެތުރުމަކީ ދިވެހި ރާއްޖޭގެ ގައުމީ ސަލާމާތަށް ނުރައްކާތެރިކަން ހުރި އަދި ދިވެހި ރާއްޖެއާއި ދޭދޭ ގައުމުތަކާއި އޮންނަ ޚާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެ ކަމަކަށްވާތީ މިވާހަކަ އަޅުގަނޑު މިދެންނެވީ،" ޗައިނާއިން ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު ވެފައިވާ ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭންގެ 8ވަނަ ނަންބަރުގައި އުތުރު ތިލަފަޅުގައި ތަރައްގީކުރެވޭ އިންފްރާސްޓްރަކްޗާ ތަރައްގީކުރެވޭނީ އެކިއެކި ތަމްރީން ޕްރޮގުރާމު ހިންގުމަށާއި، ދިމާވާ ކާރިސާތަކާއި ގުޅިންނާއި، އަދި އެކްކްލޫސިވް އިކޮނޮމިކް ޒޯން ސަވައިލަންސަށް ބޭނުންވާ މަސައްކަތް ކުރުމާއި، އެ މަސައްކަތަށް ބޭނުންވާ އުޅަނދުތައް މަރާމާތުކުރުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން ބޭރުގެ އުޅަދުތަކުން ރާއްޖޭގެ ސަރަހައްދަށް ވަދެވޭނީ، ކަމާބެހޭ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން ރާއްޖޭގެ އިދާރާތަކުގެ ހުއްދަ ލިބިގެން ކަމާއި، އުތުރު ތިލަފަޅު ތަރައްގީކުރުމުގެ އެއްބަސްވުމުގެ ދަށުން އެފަދަ ހުއްދަ ހޯދުމަކާއި ނުލައި އިންޑިއާގެ މަނަވަރަކަށް ރާއްޖޭގެ ސަރަހައްދަށް ވަދެވޭނޭ ކަމަށް ބަޔަނާކޮށްފައި ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއާއެކު އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިން ބޭނުންވާ ކޮންމެ ހަތިޔާރެއް އެތެރެ ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ވިދާޅުވި ވާހަކަފުޅަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.