ހުޅުމާލޭގައި ޑިސްއެބިލިޓީ މެނޭޖްމަންޓް ޓްރެއިނިންގް ސެންޓަރެއް ގާއިމް ކުރަން ނިންމައިފި އެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ (އައިޝާ) ވިދާޅުވީ ހުޅުމާލޭގައި ޑިސްއެބިލިޓީ މެނޭޖްމަންޓް ޓްރެއިނިންގް ސެންޓަރެއް ގާއިމް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ތެރޭގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ވަނީ އެ ސެންޓަރުގެ މަސައްކަތް ފެށުމަށް ގިނަ މަސައްކަތް ތަކެއް ފަށާފަ އެވެ. އަދި ސެންޓަރު އަޅާނެ ބިމާއި، ސެންޓަރު ހަދާނެ ކޮންސެޕްޓްވެސް ތައްޔާރުކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު އައިޝާ ވިދާޅުވި އެވެ.

"އެ ސެންޓަރަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށް ގާއިމްކުރާ ސެންޓަރެއް. ސެންޓާ ފޯ މެންޓަލް ހެލްތުން މިހާރު ވެސް 18 އަހަރުން މަތީގެ މީހުނަށް ދަނީ ޚިދުމަށް ފޯރުކޮށްދެމުން. އެހެންނަމަވެސް އެއީ އެންމެ ސްޕެޝަލައިޒްޑް ޚިދުމަތްތަކެއް ނޫން. އެ ބޭފުޅުންގެ ހިދުމަތްދެނީ ބޮޑަށް ނަފްސާނީ ހިދުމަތްތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ސެންޓަރު އެޅުމަށް ބަޖެޓް ހޯދުމުގެ މަސައްކަތްކަން ފާހަގަކުރައްވައި މިނިސްޓަރުު އައިޝާ ވިދާޅުވީ، ސަރުކާރުން އެ މަސައްކަތް ކުރަން ދީފައިވަނީ ހަތަރު މިލިއަން ރުފިޔާ ކަމަށެވެ. އެ ސެންޓަރުގައި ޓްރެއިނިން ދިނުމުގެ އިތުރުން ހުރެވޭނެ ނިޒާމެއްވެސް ހަމަޖެއްސުމަށް ޖެންޑާ މިނިސްޓްރީީން ނިންމާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރުގެ އައިޝާ ވާހަކަފުޅުގައި، މުސްތަގުބަލުގައި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ހާއްސަ ތަންތަން ރާއްޖޭގެ އެކި ހިސާބުގައި ގާއިމްކުރާނެކަންވެސް ފާހަގަކުރައްވާފައިވެ އެވެ.