ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާ އެކަމަށް ބޮޑު ހޭދައެއް ކުރިނަމަވެސް ބަދަލެއް އަންނާނީ ރައްޔިތުންގެ ވިސްނުމާ ހިސާބުން ބަދަލު ގެނެވިގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ވަރަށް ގިނަ ކަމަށެވެ. އަދި މިފަދަ ބަލިތަކާ ގުޅިގެން އުޅެންވީ ގޮތާމެދު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގާ އެކަމަށް ކިތަންމެ ބޮޑު ހޭދައެއް ކުރިނަމަވެސް ބަދަލެއް އަންނާނީ ރައްޔިތުންގެ ވިސްނުން މިކަމުގައި ބަދަލުކުރެވިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން ބަލީގެ ކުރިއަށް ވިސްނާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އަވަސްވެގަންނަން ޖެހޭކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ވޭތުވެދިޔަ ދެއަހަރު ޚާއްސަކޮށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރުންވަނީ އުޅެންވީގޮތާއި ވިސްނަން ވީގޮތް ވަރަށް ބޮޑަށް ކިޔައިދީ ހޭލުންތެރިކުރުމުގައި ހޭދަކުރައްވާފައި. އެކަމަކު އިތުރުވަމުންދާ ގައިންގަޔަށް ނާރާ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކާއި ޚާއްސަކޮށް ކެންސަރު ފަދަ ބަލިތަކުން އަރައިގަނެވޭނީ ރައްޔިތުންގެ ވިސްނުން ބަދަލުކުރެވިގެން. ބަލިޖެހުމުން ފިޔަވަޅު އެޅުމުގެ ވިސްނުން ބަލިން ދުރާލާ ރައްކާތެރިވުމަށް އިސްކޮށްގެން." ފައިސަލް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

އޭޑީކޭއިން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ކޮށްދެއްވަމުންގެންދަވާ ޚިދުމަތްވެސް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން މީހުން ބިނާކުރުމަށް އޭޑީކޭގެ ތަސައްވުރަކީ އެހެން ދާއިރާތަކުންވެސް ނަމޫނާ ބަލައިގަންނަންޖެހޭ ކަމެއްގެ ގޮތުގައި ފައިސަލް ވަނީ ވިދާޅުވެފަ އެވެ. ދިވެހިން މަސައްކަތައް ނެރުމަށާއި ރާއްޖެއަށް ބޭނުންވާ އެކި ޚިދުމަތްތައް ގެނައުމަށް ކުރަމުންދާ މަސައްކަތް އެމަނިކުފާނުވަނީ ފާހަގަކުރައްވާފަ އެވެ.

އޭޑީކޭގެ 35 ވަނަ އަހަރީ ދުވަހުގެ މިހަފްލާގައި އެހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި މިނޫންވެސް ޚިދުމަތްތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތަކަށްވަނީ އެވޯޑްދީފަ އެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެވޯޑް ކަމަށްވާ އެމްޕްލޮއީ އޮފް ދަ އިޔާ އެވޯޑް ޙާސިލުކޮށްފައިވަނީ އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރު، ޑރ. ނަޝީދާ ސައީދެވެ.

އޭޑީކޭ ހޮސްޕިޓަލުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް (މ) އަދި އެ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

1987 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ވަރަށް އާދައިގެ ގޮތަކަށް އޭޑީކޭއިން ފެށި ސިއްޙީ ޚިދުމަތް މިހާރުވަނީ ވަރަށް ބޮޑަށް ފުޅާވެ ރާއްޖޭގެ ސިއްޙީ ނިޒާމުގެ މުހިއްމު ހިއްސާދާރަކަށްވެފަ އެވެ. ޚިދުމަތަށް 35 އަހަރުވެގެންދިޔައިރު އޭޑީކޭ ހޮސްޕިޓަލުގައި އެކި ޚިދުމަތްދިނުމުގައި 900 މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ.